
ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގަށް ކޮމިޝަނުން ގުޅުންހުރި ތަންތަނަށް ޒިޔާރަތްކޮށް މައުލޫމާތު ސާފްކުރަން ފަށައިފި
ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގަށް ކޮމިޝަނުން ގުޅުންހުރި ތަންތަނަށް ޒިޔާރަތްކޮށް މައުލޫމާތު ސާފްކުރަން ފަށައިފިއެވެ.
ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާގެ ތަހުގީގަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ޚާއްޞަ ކޮމިޝަނުން މިއަދު ބުނީ މައްސަލައާ ގުޅުންހުރި ތަންތަނަށް ޒިޔާރަތްކުރައްވައި، ގުޅުންހުރި އިދާރާތަކުގެ ކަމާބެހޭ މުވައްޒަފުންނާ ބައްދަލުކުރައްވައި، މައްސަލައާ ގުޅުންހުރި ފަރާތްތަކުން މަޢުލޫމާތު ސާފުކުރަން ފައްޓަވާފައިވާ ކަމަށެވެ. މިމައުލޫމާތު ހިއްސާކުރެއްވީ ކޮމިޝަންގެ އެކްސް އެކައުންޓްގައެވެ.
ޔުމްނު ވެއްޓުނު ހާދިސާ ހިނގީ މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ފަތިހުއެވެ. ޔުމްނުއަށް މިހާރު ފަރުވާދެމުން ދަނީ މެލޭޝިޔާގައެވެ. ޔުމުންއާ ހަވާލާދީ އޭނާގެ އާއިލާއިން ބުނީ ވެއްޓުނީ ނޫން ކަމަށެވެ. އެކަމުގައި އެހެން ބައެއްގެ ބައިވެރިވުން އޮތްކަމަށް ދޭހަވާގޮތަށް ޔުމްނުއާ ހަވާލާދީ އާއިލާއިން ވަނީ މައުލޫމާތު އާއްމުކޮށްފައެވެ.
ފަރުވާއަށް ޔުމްނު މެލޭޝިޔާއަށް ގެންދިޔަފަހުން ހޭއަރާ ހާލަތު ރަނގަޅުވަމުން އައި ނަމަވެސް ފުލުހުންގެ ތަހުގީގަށް ބަޔާން ދީފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. ޔުމްނުގެ ތަހުގީގާ މެދު ސުވާލު އުފައްދާ, ވަކިން ޚާއްޞަކޮށް ފުލުހުން އަމަލުކުރަމުންދިޔަ ގޮތާމެދު ކަންބޮޑުވުން ފާޅުކޮށް ކުރަމުންދާ މުޒާހަރާތައް މިހާރުވެސް ކުރިއަށް ގެންދެއެވެ.
ރިއެކްޝަންސް






