
ރޯދަ ހަދިޔާ މަސްދަޅު ކޭސް ދޫކުރުމަށް އިތުރު ލުއި ފަސޭހަތަކެއް
ރޯދަ ހަދިޔާގެ ގޮތުގައި ދޭ މަސްދަޅުކޭސް ނަގަން ދޫކުރާ ޓޯކަންގެ އަދަދު މިރޭ އިތުރުކޮށް އިތުރު ލުއި ފަސޭހަތަކެއް ގެންނާނެކަމަށް ސިޓީސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އެކްސް މެދުވެރިކޮށް މިނިސްޓަރ ވިދާޅުވީ ކޮންމެ މަރުކަޒަކަށް ދޫކުރާ ޓޯކަންގެ އަދަދު އިތުރުކުރާނެ ކަމަށާއި، ފަހުގެ ތާރީޚަކަށް ޓޯކަން ލިބިފައިވާ ފަރާތްތަކަށް ތާރީޚު އަވަސްކޮށްދޭނެ ކަމަށެވެ.
ޓޯކަން ނެގުމުގައި ދަތިތަކެއް ދިމާވާ ފަރާތްތަކަށް އެކަން ހައްލުކޮށްދިނުމުގެ އިންތިޒާމުވެސް ހަމަޖައްސައިދޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ މިފަދައިން ވިދާޅުވެފައި މިވަނީ އެންމެ ފުރަތަމަ މާލެ ސަރަހައްދަށް މަސްދަޅު ކޭސްތައް ދޫކުރަން ފެށުމުން ގިނަބަޔަކު ކިއުއަށް އަރާ ގިނަ އިރުތަކެއް ވަންދެން އެ ސަރަހައްދުތަކުގައި ތިބެން ޖެހުުމުން އޮންލައިން ޓޯކެން ނަމްބަރެއް އިއްޔެ ތައާރަފުކުރުމަށްފަހު ދިމާވި މައްސަލަތަކަށް އިޝަރާތް ކުރެއްވުމަށްފަހުއެވެ.
"ސަރުކާރުގެ އަމާޒަކީ ރޯދަމަހުގެ ކުރިން ހުރިހާ ފަރާތްތަކަށް ރޯދަ ހަދިޔާ ލިބޭނެ އިންތިޒާމު ހަމަޖެއްސުންކަމަށްވުމާއެކު، ހުރިހާ ގޭބިސީއަކަށް ލިބެންދެން ކުރިޔަށްދާނެކަމުގެ ޔަޤީންކަން އަރުވަން" މިނިސްޓަރު ވިދާޅުވެފައި ވެއެެވެ.
މިއަދުވެސް 18.00 ގެ ފަހުން އޮންލައިންކޮށް ކިއު ނަމްބަރު ނެގުމުގެ ފުރުސަތު ހުޅުވާލާނެއެވެ. މަސްދަޅުކޭސް ބަލައިދާއިރު، އައިޑީކާޑާއި ވޭތުވެދިޔަ ތިން މަސްދުވަހުގެ ކަރަންޓްބިލް ގެންދިއުމަށް ކަމާއި ގުޅުންހުރި ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
ރިއެކްޝަންސް






