
މިމަހު އިތުރު 4 ރަށެއްގައި, މިއަހަރު ދިވެހިން ޢާއްމުކޮށް ގޮސް އުޅޭ ގައުމު ތަކުގައި އައިޑީކާޑްގެ ޚިދުމަތް ފަށަން ތައްޔާރުވެއްޖެ
މިމަހު އިތުރު 4 ރަށެއްގައި, މިއަހަރު ދިވެހިން ޢާއްމުކޮށް ގޮސް އުޅޭ ގައުމުތަކުގައި އައިޑީކާޑްގެ ޚިދުމަތް ފަށަން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން ތައްޔާރުވެއްޖެއެވެ.
މިމަހު ޚިދުމަތް ފަށަން ނިންމާފައިވަނީ މ.މުލީ، ށ.ފުނަދޫ، ށ.މިލަންދޫ އަދި ނ.ވެލިދޫގައެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި މި ޚިދުމަތް ޤާއިމުކުރުމެވެ. މިހާތަނަށް 15 ރަށެއްގައި އައިޑީ ކާޑު ޕްރިންޓު ކުރުމުގެ ޚިދުމަތް ދެމުންދާކަމަށް ޑިޕާރޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން ވިދާޅުވިއެވެ.
މީގެއިތުރުން ސަރުކާރުގެ އަމާޒަކީ އާއްމުކޮށް ދިވެހިން ގޮސްއުޅޭ ބައެއް ޤައުމުތަކުގައިވެސް މި ޚިދުމަތް ފެށުމެވެ. އެގޮތުން މެލޭޝިއާއާއި، ސްރީލަންކާއާއި، އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގައި މި ޚިދުމަތް ފެށުމަށް ދަނީ ތައްޔާރުވަމުންދާކަމަށް އެޑިޕާރޓްމަންޓުން ވިދާޅުވިއެވެ.
މާލެއިން އެކަނި ލިބޭ އައިޑީކާޑާއި ޕާސްޕޯޓް ހެދުމުގެ ޚިދުމަތް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނާއި ގާތުން ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވައުދެކެވެ.
ނިމިދިޔަ ނޮވެމްބަރު މަހުން ފެށިގެން މިވީ މުއްދަތުގެ ތެރޭގައި އެކި ރަށްރަށުގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ވަނީ ޤާއިމުކޮށްފައެވެ.
ރިއެކްޝަންސް






