
ޒަކާތު ފަންޑްގެ ސްކޮލަރޝިޕް މިހަފްތާގައި އިއުލާނުކުރަނީ
ޒަކާތު ފަންޑްގެ ސްކޮލަރޝިޕް މިހަފްތާގައި އިއުލާނުކުރަން ނިންމައިފިއެވެ. އިސްލާމިކް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ މާތް ﷲ ގެ ރަޙުމަތްފުޅާއެކު، ޒަކާތު ފަންޑުގެ ސްކޮލަރޝިޕް މި ހަފްތާގައި އިޢުލާންކުރެވޭނެ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ އިސްލާމީ ޢިލްމުގެ މުހިންމު ތަފާތު ދާއިރާތަކުން މާސްޓަރ/ ޕީއެޗްޑީގެ ގިނަ ފުރުޞަތުތަކެއް ހުޅުވައިލެވޭނެ ކަމަށެވެ. މީގެ އިތުން މިޞްރާއި ސަޢުދީ ފަދަ ޤައުމުތަކުގައި އަމިއްލަ ޚަރަދުގައި އިސްލާމީ ޢިލްމު އުނގެނެމުންދާ ދަރިވަރުންގެ ތެރެއިން މަތީ ނަތީޖާ ހޯދާ ދަރިވަރުންނަށް މާލީ އެހީއެއް ދޭންވެސް ވަނީ ނިންމަވާފައެވެ. އެކަންވެސް މިހަފްތާގައި އިޢުލާންކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެއިތުރުން މެޑިސިންގެ ދާއިރާއިން ސުޕަރ ސުޕެޝަލިސްޓުން ރާއްޖޭގައި ނެތް މުހިންމު ބައެއް ދާއިރާތަކަށް ވެސް އެހީ ދޭން ވަނީ ނިންމަވާފައެވެ.
" ޒަކާތު ފަންޑުގެ ފީ ސަބީލި ﷲ ބައިން މި ފުރުޞަތުތަކަށް ފަންޑުކުރެވިގެންދާނެ. ދިވެހި ރައްޔިތުންގެ ދީލަތި ކަމާއެކު، ޒަކާތު ފަންޑު އިތުރުވެގެން ދިއުމަކީ އިސްލާމްދީނަށް ލިބިގެން ދިޔަ ނަޞްރެކެވެ." މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން ކީރިތި ޤުރުއާނުގެ އިލްމު ފެތުރުމާއި ޙާފިޒުން އުފެއްދުމުގެ މަޝްރޫޢުތަކަށް ވެސް ޚަރަދު ކުރެވޭނެ ކަމަށް މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ. މިކަންކަމަކީ، ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރެއްވުމަށް ކުރެއްވި މަސައްކަތްތަކުގެ ހެޔޮ ނަތީޖާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިކަންކަމުގެ އިތުރުން ޒަކާތު ފަންޑުގެ ފަޤީރުންނާއި މިސްކީނުންގެ ބައިން ފަޤީރުންގެ ބޭސް ފަރުވާއާއި ކިޑްނީ ޓްރާންސް ޕްލާންޓްކުރުމާއި ބޯން މެރޯ ހެދުމާއި ފުއްޕާމެއާއި ކެންސަރު ފަދަ ބޮޑެތި ބަލިތަކަށް ހޭދަކުރަމުން ދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ރިއެކްޝަންސް






