
އައި.ޑީ.ކާޑަކީ، ސްމާޓް، ޑިޖިޓަލް ކާޑަކަށް ބަދަލުކުރުމުގެ ތަސައްވަރެއް!
އޮތީ ވަރކް ފޯސްގެ ތިން ބައިކުޅަ އެއްބައި ގޭގައި ތިބެގެން މަސައްކަތްކުރުމުގެ އަމާޒެއް
މިހާރު ބޭނުންކުރާ އައި.ޑީ.ކާޑަކީ، ސްމާޓް، ޑިޖިޓަލް ކާޑަކަށް ބަދަލުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ 'ދިވެހިރާއްޖެ 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް' އިފްތިތާހުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިހާރު ބޭނުންކުރާ އައިޑީކާޑް ސްމާޓް ޑިޖިޓަލް ކާޑަކަށް ބަދަލުކޮށް, ހުރިހާ ޚިދުމަތެއް އެ ކާޑުން ހޯދޭނެގޮތް ހިމެނޭކާޑަކަށް ހެއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. ސަމިޓް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޑިޖިޓަލައިޒޭޝަންގެ ތެރެއިން ކޮރަޕްޝަން ނައްތާލެވޭނެގޮތްތައް ހުރިކަމަށެވެ. ޑިޖިޓަލައިޒޭޝަންގެ ތެރެއިން ވަރަށް ބޮޑަށް ދެފުށް ފެންނާނެ ނިޒާމެއް ޤާއިމުކުރެވޭނެކަން ފާހަގަކުރައްވާ ވިދާޅުވީ ޑިޖިޓަލައިޒޭޝަންގެ ތެރެއިން މިހާރު ބޭނުންކުރާ އައި.ޑީ.ކާޑަކީ، ސްމާޓް، ޑިޖިޓަލް، އަދި ހުރިހާ ޚިދުމަތެއް އެ ކާޑުން ހޯދޭނެގޮތް ހިމެނޭކާޑަކަށް ހެދުމަށް މަސައްކަތްކުރައްވާނެކަމަށެވެ. ހަމައެއާއެކު ސައިބަރ ސެކިއުރިޓީ އިންތިހާއަށް ރަނގަޅުކޮށް، ޚިދުމަތުގެ ނިޒާމް ވަރުގަދަކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޑިޖިޓަލައިޒްކުރުމުގެ މައިގަނޑު މަޤުޞަދަކީ މިޤައުމުން ކޮރަޕްޝަންގެ ވަބާ ނައްތާލުން ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެންމެން އެއްޖޯޝެއްގައި ދިވެހިރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ކުރާ މަސައްކަތުގައި ކޮރަޕްޝަން ނައްތާލަންޖެހޭކަމަށެވެ. އަދި އެކަން ހާސިލްކުރުމަށް ޤައުމުގައި އޮތް ހިންގުމުގެ ނިޒާމް ޑިޖިޓަލައިޒްކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރައްވަނީ ވަށާޖެހޭ، މާނަހުރި، ދެމެހެއްޓިނިވި ތަރައްޤީ، ހާސިލުކުރުމަށް ކަމަށެވެ. އުމްރާނީ ތަރައްޤީގެ އިތުރުން މުޖުތަމަޢުގެ ކަންކަން ރަނގަޅުކޮށް 'ގްޑް ގަވަރނަންސް'ގެ ސިޔާސަތުތައް ތަންފީޒުކުރުމަށް މަސައްކަތްތައްކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ޑިޖިޓަލައިޒޭޝަންގެ ކަންކަން ފުރިހަމަވުމުން މިހާރުގެ ވަރކް ފޯސްގެ ތިން ބައިކުޅަ އެއްބައި ގޭގައި ތިބެގެން މަސައްކަތްކުރާ ގޮތަށް، 2028 ވަނަ އަހަރާ ހަމައަށްދާއިރު ބަދަލުކުރުމަށް އުންމީދުކުރައްވާކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ އެންމެން ގުޅިގެން ކޮރަޕްޝަން ނައްތާލައި، މި ޤައުމަކީ އެންމެން ބަލައިގަންނަ ޤައުމަކަށް ހެދުމަށް ސަރުކާރުން ކުރާ މަސައްކަތުގައި އެއްބާރުލުމްދެއްވުމަށް ގޮވާލައްވާފައެވެ. އަދި އެންމެން މި ބަދަލު ބަލައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުންވެސް ޑިޖިޓަލައިޒޭޝަންގެ ކަންކަން ފުރިހަމަކުރުމަށް ޤާނޫނީގޮތުން ކުރަންޖެހޭ ޚާއްޞަ ކަންކަން ކުރައްވަމުންގެންދަވާކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިއަދު މި ފަށަނީ، އެތައް ކާމިޔާބީއެއް އަޅުގަނޑުމެންނަށް ޙާޞިލުކުރެވޭނެ މުހިންމު ދަތުރެއް ކަމަށެވެ.
" އެންމެން އެކައްޗެއް ކިޔައި، މި ޤައުމުން ކޮރަޕްޝަން ނައްތާލައި، މުޅި ދުނިޔެ ބަލައިގަންނަ ފެންވަރުގައި ޚިދުމަތް ދޭ، ހިންގުމުގެ ހަރުދަނާ ނިޒާމެއް އޮތް ޤައުމަކަށް ރާއްޖެ ހަދަން، ހުރިހާ މަސައްކަތްތެރީންނަށާއި، ދިވެހި ރައްޔިތުންނަށް އަޅުގަނޑު ގޮވާލަން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރާއްޖެ ޑިޖިޓަލް ކުރުމުގެ މަސައްކަތް ކުރަނީ އެސްޓޯނިޔާ ސަރުކާރުގެ އެހީގައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޑިޖިޓަލައިޒޭޝަންގެ ކަންކަން އެންމެ ފުރިހަމައަށް ހާސިލްކޮށްފައިވާ އެއް ޤައުމަކީ އެސްޓޯނިއާ ކަމަށެވެ. ދިވެހިރާއްޖެ ޑިޖިޓަލައިޒްކުރުމަށް ކުރައްވާ މަސައްކަތުގައި އެސްޓޯނިއާ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވަމުންދާތީ ރައީސުލްޖުމްހޫރިއްޔާ ވަނީ އެސްޓޯނިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.
މީގެ އިތުރުން އެސްޓޯނިއާއަކީ ޕްރެސް ފްރީޑަމްގައި 2 ވަނައަށް އޮތް ޤައުމުކަން ފާހަގަކުރައްވައި މިކަން ހާސިލްކުރުމުގައިވެސް ޑިޖިޓަލައިޒޭޝަން ވަރަށް މުހިންމު ދައުރެއް އަދާކުރާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެވެސް އެހަރުފަތާ ހިސާބަށް ގެންދިއުމަށް، މަޢުލޫމާތު ފޯރުކޮށްދިނުމުގައި އަދި މަޢުލޫމާތު ލިބިދިނުމުގައި ޒިންމާ ދާރުކޮށް އަވަސް މިނުގައި ޚިދުމަތްދޭ ތަނަކަށް ހެދުމަށް ޑިޖިޓަލައިޒޭޝަންގެ ފުރިހަމަ ބޭނުންކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރިއެކްޝަންސް






