
އިންޑިއާގެ ހަމަލާތަކުގެ އަމާޒަކަށް ރޭ ޕާކިސްތާނުގެ އަސްކަރީ ބޭސްތައް, ރައްދު ދިނުމަށް 'އޮޕްރޭޝަން ބުންޏަން މާރސޫސް"
އިންޑިއާއިން ރޭ ދިން ހަަލާތައް ޕާކިސްތާނުގެ ތިން އަސްކަރީ ބޭސް އަކަށް އަމާޒުކޮށްފައިވާ ކަމަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނެފިއެވެ. އެންމެ ފަހުގެ ހަމަލާތަކާ ގުޅިގެން ހޮނިހިރު ދުވަހުގެ ހެނދުނު 3:15 ން ފެށިގެން މެންދުރު 12:00 އާ ހަމައަށް ޕާކިސްތާނުގެ އެއަރ ސްޕޭސް ވަގުތީ ގޮތުން ބަންދުކޮށްފައިވާކަމަށްވެސް ޕާކިސްތާނުގެ ސިިވިލް އޭވިއޭޝަނުން ވަނީ ބުނެފައެވެ.
އިންޑިއާގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ޕާކިސްތާނުން މިހާރުވަނީ 'އޮޕަރޭޝަން މާރސޫސް' ގެ ނަމުގައި ރަސްމީކޮށް ރައްދުހަމަލާދޭން ފަށާފައިވާކަން އިއުލާންކޮށްފައެވެ. މިއީ ދެގައުމުގެ ދެމެދުގައި ޑްރޯން ބޭނުންކޮށްގެން ހަމަލާދޭ ފުރަތަމަ ފަހަރެވެ.
ވައިގެ ހަމަލާތަކާއެކު ބާރުގަދަ ގޮވުންތަކާއެކު ސައިރަންގެ އަޑުފައްގަނޑު ކަޝްމީރުގެ އިންޑިއާ ފަޅިންނާއި, އިންޑިއާގެ ޕަންޖާބުން މެދުނުކެނޑި އިވެމުންދިޔަ ކަމަށް އަލްޖަޒީރާއިން ރިޕޯޓްކޮށްފައި ވެއެވެ. އިންޑިއާގެ އަސްކަރިއްޔާއިން ވަނީ 26 ސަރަހައްދަކުން ޑްރޯންތައް ފެނިފައިވާ ކަމަށާއި, އެ އެއްޗެއްސަށް 'އެންގޭޖްވެފައިވާ' ކަމަށް ބުނެފައެވެ.
ރޭގެ ހަމަލާތަކުގައި އިންޑިއާގެ ޕަންޖާބުގެ ފީރޯޒްޕުރް ސިޓީން ތިން މީހަކު ޒަހަމްވެފައިވާކަމަށްވެސް އަސްކަރިއްޔާއިން ވަނީ ބުނެފައެވެ. އަދި އިންޑިއާގެ އުދަމްޕޫރް އާއި ޕަތަންކޮޓްގެ ވައިގެ ސަރަހައްދުތަކުގައި ހުރި އަސްކަރީ ބޭސްތަކަށް އަމާޒުކޮށް ދިން ހަމަލާތަކުގައި އެ ދެ ތަން އެއްކޮށް ހަލާކުވެފައިވާ ކަމަށް އަސްކަރިއްޔާގެ މަސްދަރަކާ ހަވާލާދީ އަލްޖަޒީރާގައި ރިޕޯޓްކޮށްފައިވެއެވެ.
ސަލާމަތީ މަސްދަރުތަކުން އިތުރަށް ބުނި ގޮތުގައި ޕަންޖާބުގެ ބީސްގައި ހުންނަ ބްރަހްމޮސް މިސައިލް ސްޓޯރޭޖްއަށްވެސް ވަނީ ހަމަލާއެއް އަމާޒުވެފައެވެ.
ދެ ގައުމުގެ ދެމެދުގައި ބަދަލަުކުރަމުންދާ ހަމަލާތަކުގައި މިހާތަނަށް 50 މީހުން މަރުވެފަވާއިރު, އޭގެތެރެއިން 33 މީހުންނަކީ ޕާކިސްތާން މީހުންނެވެ.
ރިއެކްޝަންސް






