ކުއްލި ހާލަތްތަކަށް 911 ތަޢާރަފްކޮށްފި
ކުއްލި ހާލަތްތަކުގައި އެހީތެރިކަމަށް އެދެން 911 ތަޢާރަފްކޮށްފިއެވެ. އިމަރޖެންސީ ކޯލް ސެންޓަރ އިފްތިތާހުކޮށްދެއްވީ ހޯމް މިނިސްޓަރ އަލީ އިހުސާން އެވެ.
އިމަޖެންސީ ކޯލް ސެންޓަރ އިފްތިތާހުކޮށްދެއްވުމަށްފަހު ވަޒީރު އިހުސާން ވިދާޅުވީ 911 އަށް ހުށައަޅާ މައްސަލަތައް ކަމާގުޅުން ހުރި ހުރިހާ އިދާރާތަކަށް ވަގުތުން ފޯރުކޮށްދެވޭނެ ކަމަށެވެ.
ދާޚިލީ ސަލާމަތާ ފަންނިއްޔާތާބެހޭ ވަޒީރު ވިދާޅުވީ މިރެއަކީ ދިވެހިރާއްޖެ ރަންއަކުރުން ފަވާލެވޭނެ ރެއެއް ކަމަށާއި ރައީސް ޑރ. މުޢިއްޒުގެ ވެރިކަމުގެ ވަރަށް ކުރީކޮޅުގައި މިފަދަ ނޭޝަނަލް އެމަޖެންސީ ކޯލް ސެންޓަރެއްގެ މުހިންމުކަން އެނގިވަޑައިގަތް ކަމަށެވެ. އެވަގުތުން ފެށިގެން މި ޚިދުމަތް އެއް ނަންބަރެއްގެ ޒަރިއްޔާއިން ރައްޔިތުންނަށް ދިނުމަށް ރައީސް ނިންމެވިކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ކެބިނެޓުން މި މަސައްކަތް ކުރުމަށް ނިންމުމުން ރައީސް ވަނީ ސަލާމަތީ ޚިދުމަތްދޭ މުއައްސަސާތަކާއި ހަވާލުވެތިބި ވުޒާރާތަކަށް މި ޚިދުމަތް ތަޢާރަފްކުރުމަށް އިރުޝާދު ދެއްވާފައި ކަމަށެވެ.
911 ނަމްބަރަކީ ކުއްލި ހާލަތްތަކުގައި ރާއްޖޭގައި ހަރަކާތްތެރިވާ ހުރިހާ އިދާރާތަކަކަށް އެއް ނަންބަރަކުން ގުޅޭގޮތް ހަމަޖެއްސުމަށްޓަކައި ތައާރަފްކުރި އެމަޖެންސީ ސަރވިސް ހޮޓްލައިން އެވެ. މި ޚިދުމަތްދޭން ނިންމީ ފުލުހުންގެ މުއައްސަސާގައި މި ޚިދުމަތް ގާއިމްކޮށް, އަދި މި ޚިދުމަތް ގާއިމްކުރެވިގެން އަންނައިރު ފުލުހުންގެ ޚިދުމަތާއި، އެމްބިއުލާންސްގެ ޚިދުމަތުގެ އިތުރުން ކޯސްޓްގާޑް، ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ޙިދުމަތްވެސް 911 ނަންބަރުގެ ތެރެއިން ރައްޔިތުންނަށް ލިބިގެންދާ ގޮތަށެވެ.
" 911 އިޙްތިޔާރުކުރި އިރު ވަރަށް ބޮޑަށް ބެލިން އޭގެ ޒާތުގަ ޕްރޮމޯޓްވަމުން ކުރިއަށްއޮތް ތަނުގަވެސް އަންނާނެ ނަންބަރެއް ސެލެކްޓްކުރުން. އެގޮތުން އަޅުގަނޑުމެންނަށް އެކިއެކި މީޑިއާތަކުގެ ޒަރިއްޔާއިންވެސް ފެންނަ އެއް ނަންބަރަކީ 911. އެހެންކަމުން އަޅުގަނޑުމެން ނިންމީ އެންމެ ފަސޭހަ ގޮތަކީ އަދި ގިނަ ރައްޔިތުންނަށް ހަނދާނުގައި ބަހައްޓަންވެސް ފަސޭހަވާނީ މިފަދަ ނަންބަރަކާއިގެން ކުރިއަށްދިޔައީމަކަން. " ވަޒީރު ވިދާޅުވިއެވެ.
މި ޚިދުމަތް ތަޢާރަފްވެގެން މިއައީ އެންމެ ބޭނުންވާ ފުރިހަމަ ފެންވަރެއްގައި ނޫން ކަމަށާއި އެހެންނަމަވެސް ރައްޔިތުންނަށް ބޭނުންވާ ފެންވަރަށް މިޚިދުމަތް މިއޮތީ ފެށިފައި ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ކަމާގުޅޭ ހުރިހާ އިދާރާއެއް ގުޅިގެން މި ޚިދުމަތް އިތުރަށް ފުޅާކޮށް ރައްޔިތުންނަށް މިއައްވުރެ ފުރިހަމަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ މަގު ހޯއްދަވައިދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އެގޮތުން ކޮމިއުނިކޭޝަން ސިސްޓަމްތައް އެޑްވާންސްކޮށް ޖީއައިއެސް މެޕްކުރެވޭނެ ނިޒާމަކަށް ބަދަލުކޮށް, ޑިސްޕެޗް ސިންކްނޮރައިޒް ވާގޮތަށް ކުރިއަށް އޮތްތަނުގައި ހައްދަވައިދެއްވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
911 ކޯލް ސެންޓަރުގެ ކެޕޭސިޓީ އިތުރުކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ. ރާއްޖެއިންނާއި އަދި ރާއްޖެއިން ބޭރުން ތަމްރީނުގެ ފުރުސަތުތައް މުވައްޒަފުންނަށް ފަހިކޮށްދެއްވާނެ ކަމުގެ ޔަގީންކަންވެސް ވަޒީރު ދެއްވިއެވެ. މިނިސްޓަރ ވިދާޅުވީ ބޮޑު ހާދިސާއެއް މެދުވެރިވެއްޖެނަމަ އެކަމަށް ޖަވާބުދާރީވާ ފަރާތަކީ ލޯއެންފޯސްމެންޓްގެ ފަރާތުން އެ ކޯލް ނަގާ ފަރާތް ކަމުން އެ ފަރާތަކަށް އިތުރަށް ދޭންޖެހޭ ޓެކްނިކަލް ތަމްރީނުތައްވެސް ކުރިއަށް އޮތްތަނުގަ ދެމުންގެންދާނެ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ 911ގެ ޚިދުމަތުގެ ފެންވަރު ދާނީ ދުވަހެއް ދުވަހަކަށް ރަނގަޅުވަމުން ކަމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ޑިސްޕެޗް ސެންޓަރުތަކުން މި ޚިދުމަތް ލިބިގެން އަންނައިރު މި ޚިދުމަތް ރައްޔިތުންނަށް ލިބޭނީ ފުރިހަމައަށް ކަމަށެވެ.
މިނިސްޓަރ ވަނީ އާއްމުންނާއި ގުޅިފައިވާ މިފަދަ މުހިންމު ޚިދުމަތެއް، ނަހަމަ ގޮތުގައި ބޭނުން ނުކުރުމަށްވެސް އިލްތިމާސްކުރައްވާފައެވެ.
ރިއެކްޝަންސް