އޮރިޔާން ކާޑު އުފައްދައި މީހުން ބްލެކްމެއިލް ކުރި އަންހެނަކު ހަ އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
އޮރިޔާން ކާޑު އުފައްދައި، އެ ތަކެތި ބޭނުންކޮށްގެން މީހުން ބްލެކްމެއިލް ކުރި މައްސަލައެއްގައި އަންހެނަކު ހަ އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލާގައި ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ މާލެ، ގ. ސައުތުބްރީޒް، މަރްޔަމް ރިޔާސާގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް އުފުލާފައިވެއެވެ. އެއީ ބްލެކްމެއިލް ކުރުމުގެ ކުށުގެ ދައުވާ އާއި އޮރިޔާން ކާޑު އުފެއްދުމުގެ ކުށުގެ ދައުވާއެވެ.
މުޖުތަމައުގެ އަހްލާގީ މިންގަނޑުތައް ހިފެހެއްޓުމަށާއި، މައްސަލައިގެ ބާވަތުން މި މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުން ކުރިއަށް ގެންގޮސްފައިވަނީ އާންމުކޮށް ހުޅުވައިނުލައެވެ. އެހެންކަމުން، މި މައްސަލައިގައި ހިމެނޭ އިތުރު ތަފްސީލީ މައުލޫމާތުތައް ކޯޓުން ހާމަކޮށްފައެއް ނުވެއެވެ.
ނަމަވެސް، ކްރިމިނަލް ކޯޓުން މައުލޫމާތު ދީފައިވާ ގޮތުގައި، ދައުލަތުން އޭނާގެ މައްޗަށް އުފުލި ދެ ދައުވާއަށްވެސް މަރްޔަމް ރިޔާސާ ވަނީ ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފުވެފައެވެ. އޭނާގެ އިއުތިރާފާ ގުޅިގެން ކޯޓުން ނިންމާފައިވަނީ ކޮންމެ ދައުވާއަކަށް ތިން އަހަރުގެ ޖަލު ހުކުމެއްގެ މަގުން، ޖުމްލަ ހަ އަހަރަށް އޭނާ ޖަލަށްލުމަށެވެ.
ކްރިމިނަލް ކޯޓުން ފާހަގަކުރި ގޮތުގައި، މި ހުކުމަކީ މުޖުތަމައުގެ އަހްލާގީ މިންގަނޑުތައް ހިފެހެއްޓުމަށާއި، މިފަދަ ނޭދެވޭ އަދި އިޖުތިމާއީ ގޮތުން ނުރައްކާތެރި އަމަލުތައް ހުއްޓުވުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެކެވެ.
ރިއެކްޝަންސް





