ޓްރޭޑިއަން ޕޯޓަލްއަށް އިތުރު ތިން ޚިދުމަތެއް: މި މަހުގެ 10 އިން ފެށިގެން އަމަލުކުރަން ފަށަނީ
ދިވެހި ވިޔަފާރިވެރިންނަށް ލުއިފަސޭހަ ގޮތްތަކެއް މަގުފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރުގެ ދަށުން ތަޢާރަފްކޮށްފައިވާ "ޓްރޭޑިއަން" ޕޯޓަލްއަށް، މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން އިތުރު ތިން ޚިދުމަތެއް ތަޢާރަފްކުރުމަށް ނިންމައިފިއެވެ.
މިކަން ހާމަކުރައްވައި އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ޓްރޭޑިއަން ޕްލެޓްފޯމް މެދުވެރިކޮށް އަލަށް ފޯރުކޮށްދޭން ފަށާ ތިން ޚިދުމަތަކީ ވެސަލް ޑިކްލެރޭޝަން، ފަޔަރވޯކްސް އިމްޕޯޓް ޕާމިޓް އަދި ފްލެއަރ އިމްޕޯޓް ޕާމިޓް ކަމަށެވެ.
މިއީ އިމްޕޯޓް އަދި އެކްސްޕޯޓް ވިޔަފާރީގެ ބޭނުންތަކަށް އެކި އިދާރާތަކުން ހޯދަންޖެހޭ ޚިދުމަތްތައް، އެއް ވިއުގައަކުން އޮންލައިންކޮށް ހޯދޭނެ ގޮތް ހެދުމަށް ފަރުމާކޮށްފައިވާ ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމް ފަރުމާކޮށްފައިވަނީ އިޤްތިޞާދީ ދާއިރާގެ ފަރާތްތަކާއި ރާއްޖޭގެ ވިޔަފާރިވެރިންގެ ޚިޔާލާއި މަޝްވަރާގެ މަތިންނެވެ.
އަލަށް އިތުރުކުރެވުނު ޚިދުމަތްތައް ފޯރުކޮށްދޭނެ އިދާރާތަކަކީ:
ފަޔަރވޯކްސް އަދި ފްލެއަރ އިމްޕޯޓް ޕާމިޓް: މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސަރވިސް.
ވެސަލް ޑިކްލެރޭޝަން: މޯލްޑިވްސް ކަސްޓަމްސް ސަރވިސް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، މިނިސްޓްރީ އޮފް ޑިފެންސް، ޕޯޓް ހެލްތް، މޯލްޑިވްސް އިމިގްރޭޝަން، އަދި އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވުޒާރާ.
އިޤްތިޞާދީ ވުޒާރާއިން ވިދާޅުވި ގޮތުގައި، މި ޚިދުމަތްތަކަށް އަހުލުވެރިވުމުގެ ފުރުޞަތު ދިނުމުގެ ގޮތުން، ޖޫން މަހުގެ 10 ވަނަ ދުވަހާ ހަމައަށް މިހާރުވެސް އޮންނަ އުސޫލުގެ ދަށުން ޚިދުމަތްތަކަށް އެދުމުގެ ފުރުޞަތު އޮންނާނެއެވެ. ނަމަވެސް، ޖޫން 11 އިން ފެށިގެން މި ޚިދުމަތްތަކަށް އެދެވޭނީ ހަމައެކަނި ޓްރޭޑިއަން ޕްލެޓްފޯމް މެދުވެރިކޮށް ކަމަށް އެ ވުޒާރާއިން ކަނޑައަޅާފައިވެއެވެ.
މި ބަދަލާ ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން، ޓްރޭޑިއަންގެ ސަޕޯޓް ނަންބަރު 3334001 އަށް ގުޅުއްވުމަށް ނުވަތަ SUPPORT@TRADIAN.GOV.MV އަށް އީމެއިލް ކުރެއްވުމަށް އެ ވުޒާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.
ރިއެކްޝަންސް





