އެއާޕޯޓުގެ މަގު މަރާމާތުކުރާތީ ބަހުގެ ރޫޓުތަކަށް އެމްޓީސީސީން ބަދަލު ގެނެސްފި
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ މަގު މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށްދާތީ، އެ ސަރަހައްދުގައި ދަތުރުކުރާ އާރްޓީއެލް ބަހުގެ ރޫޓުތަކަށް ވަގުތީ ބަދަލެއް ގެނެސްފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި، މި މަސައްކަތް ކުރިއަށްދާނީ މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުއްދަތުގައި ކޮންމެ ދުވަހަކު ފަތިހު 5:00 އިން ފެށިގެން ރޭގަނޑު 23:30 އާ ހަމައަށް، އެއާޕޯޓުގެ ޓާމިނަލް 2 އާ ދިމާލަށް އޮންނަ މަގު މަރާމާތު ކުރުމަށްޓަކައި ބަންދުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މަގު ބަންދުކުރުމާ ގުޅިގެން ބަހުގެ ޚިދުމަތަށް ގެނައި ބަދަލާއެކު، ފަސިންޖަރުން އަރުވާ އަދި ބޭލުމަށް ހަމަޖެހިފައިވަނީ އާންމުކޮށް ބަސް ހުއްޓާ ސަރަހައްދުގެ ބަދަލުގައި އެއާޕޯޓުގެ ހުޅަނގު ޕާކިން ސަރަހައްދުގައެވެ. މި ބަދަލަކީ މަގު މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި ފަސިންޖަރުންނަށް ދަތުރުފަތުރުގެ ފަސޭހަކަން ފޯރުކޮށްދިނުމަށް ގެނައި ބަދަލެއް ކަމަށް އެ ކުންފުނިން ބުނެއެވެ.
އެމްޓީސީސީން ވަނީ މި ބަދަލުތަކަށް އާންމުން ސަމާލުވުމަށް އެދިފައެވެ. އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް އެ ކުންފުނީގެ ހޮޓްލައިން ނަންބަރު 1650 އަށް ގުޅުމަށް އެމްޓީސީސީން އިލްތިމާސްކުރެއެވެ.
ރިއެކްޝަންސް





