ކުރީގެ ހޯމް މިނިސްޓަރ އިމްރާން، އާޒިމަށް މަރުޙަބާ ވިދާޅުވެއްޖެ
މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ އެންމެހައި ފަރާތްތަކަށް ރައްކާތެރި އަމާން ހިތްފަސޭހަ ތަނަކަށް މާލެ ހެދުމުގެ ބުރަ ޒިންމާ އާޒިމް ނަންގަވާނެކަން އަޅުގަނޑު ޔަގީންކުރަން - އިމްރާން
ބޮޑު ތަފާތަކުން މާލޭގެ މޭޔަރުކަމަށް މިއަދު އިންތިޚާބު ކުރެއްވި އާދަމް އާޒިމަށް ކުރީގެ ހޯމް މިނިސްޓަރ ޝެއިޚް އިމްރާން ޢަބްދުﷲ ތަހުނިޔާ ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަދާލަތު ޕާޓީގެ ރައީސްކަންވެސް ކުރައްވަމުން އަންނަ ކުރީގެ ވަޒީރު އިމްރާން ވިދާޅުވީ މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ އެންމެހައި ފަރާތްތަކަށް ރައްކާތެރި އަމާން ހިތްފަސޭހަ ތަނަކަށް މާލެ ހެދުމުގެ ބުރަ ޒިންމާ އާޒިމް ނަންގަވާނެކަން ޔަގީން ކުރައްވާ ކަމަށެވެ.
މާލޭގެ މޭޔަރު ކަމަށް އާދަމް އާޒިމް އިންތިޚާބުވުމާ ގުޅިގެން ކުރީގެ ސަރުކާރަށް ނިސްބަތްވާ އިސްވެރިން ގެންދަވަނީ މަރްހަބާ ވިދާޅުވަމުންނެވެ.
އެމް.ޑީ.ޕީ ޓިކެޓުގައި މޭޔަރު ކަމަށް ވާދަކޮށް އިންތިޚާބު ކާމިޔާބުރީ އެންމެ ގާތުން ވާދަކުރެއްވި ޕީ.އެން.ސީގެ ކެނޑިޑޭޓް އާއިޝަތު އާޒިމާ ޝަކޫރަށްވުރެ ދެހާހަށްވުރެ ގިނަ ވޯޓުގެ ތަފާތަކުންނެވެ.
މާލޭގެ މޭޔަރުކަމަށް އާޒިމާއާއި އާޒިމްގެ އިތުރުން ޑިމޮކްރެޓްސް އާއި ކުރީގެ ރައީސް ޔާމީންގެ ތާއީދާއެކުވެސް ބޭފުޅުންވަނީ ވާދަކުރައްވާފައެވެ.
އާދަމް އާޒިމް އިންތިޚާބު ކާމިޔާބު ކުރައްވާފައިވަނީ 5152 ވޯޓާއެކު ވޯޓުލީމީހުންގެ ސާޅީސް ހައެއް އިންސައްތައަށްވުރެ މަތީ އަޣުލަބިއްޔަތަކުންނެވެ.
އާޒިމްއާ އެންމެ ގާތުން ވާދަކުރެއްވި އާޒިމާއަށް ލިބިވަޑައިގެންނެވީ އަށާވީސް އިންސައްތައެވެ. އެއީ 3220 ވޯޓެވެ.
ތިންވަނައަށް ދިޔަ ކުރީގެ ރައީސް ނަޝީދުގެ ދަ ޑިމޮކްރެޓްސްގެ ކެނޑިޑޭޓް ސައިފް ފާތިޙްއަށް ލިބިވަޑައިގެންނެވީ ތޭރަ އިންސައްތަ ވޯޓެވެ. އެއީ ފަނަރަސަތޭކަ ހަތް ވޯޓެވެ.
ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދަށް ލިބިވަޑައިގެންނެވީ 1179 ވޯޓެވެ. އެއީ ގާތްގަނޑަކަށް ދިހައެއް އިންސައްތައެވެ.
މީގެ އިތުރުން އަމިއްލަ ކެނޑިޑޭޓް ޝުޢައިބް ޢަލީ ވަނީ 78 ވޯޓު ހޯއްދަވާފައެވެ.
މާލޭގެ މޭޔަރުގެ އިންތިޚާބުގެ އިތުރުން މިއަދު ވަނީ މާލެ ސިޓީގެ ހަތަރު ދާއިރާއެއްގެ ކައުންސިލް މެންބަރުން އިންތިޚާބު ކުރުމަށްވެސް ބައި-އިލެކްޝަން ބާއްވާފައެވެ.
ރިއެކްޝަންސް