
ޤައުމީ ފެންވަރުގައި ޢީދު ފާހަގަ ކުރާނީ ކ.ގުރައިދޫ އާއި ކެލައާއި ލ.ގަމުގައި
ހުޅުމާލޭގައި ވެސް ޝައުޤުވެރި ހަރަކާތްތަކެއް ކުރިޔަށް ގެންދާނެ
މިއަހަރުގެ ބޮޑު ޢީދު ޤައުމީ ފެންވަރުގައި ފާހަގަ ކުރާނެ ތިން ރަށް ކަނޑައަޅައިފިއެވެ. އެތިން ރަށަކީ ކ.ގުރައިދޫ އާއި ހއ.ކެލައާއި ލ.ގަމެވެ.
ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވީ އަންނަ ޖޫން މަހުގެ ފުރަތަމަ ހަފްތާގައި ފަށާ މިއަހަރުގެ އަޟްހާ ޢީދު ގައުމީ ފެންވަރުގައި ފާހަގަކުރާނެ ރަށްތައް ކަނޑައެޅުއްވީ އެކަމަށް ޝައުޤުވެރިކަން ފައުޅުކޮށް, ޕްރޮޕޯސަލް ހުށަހެޅި ރަށްތަކުގެ ތެރެއިން ކަމަށެވެ. ރަށްތައް ކަނޑައެޅުއްވީ "ޤައުމީ ފެންވަރުގައި އަޟްޙާ ޢީދު ފާހަގަކުރާ ރަށްތައް ކަނޑައެޅުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލު" ގެ ދަށުން އެންމެ ގިނަ ޕޮއިންޓް ލިބިފައިވާ ރަށްތަކަށް ބަލައިގެން ކަމަށް އެމިނިސްޓްރީން ވިދާޅުވިއެވެ.
އެތިން ރަށުގެ އިތުރުން ހުޅުމާލޭގައި ކުޑަކުދީންނާއި އާއިލާތަކަށް ޚާއްޞަކޮށް ޝައުޤުވެރި ހަރަކާތްތަކެއް ކުރިޔަށް ގެންދާނެ ކަމަށް ބަހާބެހޭ ވުޒާރާއިން ވިދާޅުވިއެވެ. އެމިނިސްޓްރީން ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މި ފަދަ ކޮންމެ ކުލަގަދަ ޢީދަކީ ވެސް އިސްލާމީވަންތަ، އަދި ދިވެހީންގެ މުއްސަނދި ސަގާފަތް ދިރުވައި އާލާކުރެވޭ, ދިވެހީންގެ މެދުގައިވާ އެއްބައެއްވަންތަ ވިސްނުން ތަރައްޤީ ކުރާނޭ އުފާވެރި އިޙްތިފާލުތަކަށް ހެދުން ކަމަށެވެ.
ރިއެކްޝަންސް






