
ބޯންމެރޯ ހެދުމަށް އަންނަ ހަފްތާގައި ތިން ކުއްޖަކު ފުރަނީ
ދައުލަތުގެ ކަރަދުގައި ބޯންމެރޯ ހެދުމަށް އަންނަ ހަފްތާގެ އާދިއްތަ ދުވަހު ތިން ކުއްޖަކު ފުރަން ތައްޔާރުވެއްޖެއެވެ. މީގެއިތުރުން އިތުރު ދެކުއްޖަކުވެސް ބޯންމެރޯ ހެދުމަށް ފުރުމަށް ތައްޔާރުވަމުންދާކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވިއެވެ.
އަންނަ ހަފްތާގައި ތެލެސީމިއާ ބޯންމެރޯ ހެދުމަށް ރާއްޖެއިން ބޭރަށް ފުރާ 3 ކުދިންނާއި މިނިސްޓަރ އޮފް ހެލްތު އަބުދުﷲ ނާޒިމް އިބްރާހީމް ވަނީ މިއަދު ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި އެކުދިންގެ ބެލެނިވެރިން ވެސް ބައިވެރިވިއެވެ.
ބޯންމެރޯ ހެދުމުގެ ކުރިން ތެލެސީމިއާ ކުދިން އެޗްއެލްއޭ ޓެސްޓް ހަދަން ޖެހެއެވެ. ތެލަސީމިއާ ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓް އަށް ދިމާވޭތޯ ބަލަން ހަދާ ޓެސްޓް ކަމަށްވާ އެޗް.އެލް.އޭ ޓެސްޓަށް ސާމްޕަލް ނެގުމުގެ ކޭމްޕެއް އިއްޔެ ވަނީ މޯލްޑިވިއަން ބްލަޑް ސަރވިސް ގައި ބާއްވައެވެ.
ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ކުރިން ހަދަންޖެހޭ އެޗް.އެލް.އޭ ޓެސްޓަކީ މީގެ ކުރިން ރާއްޖެއިން ބޭރުން ހަދަމުން އައި ޓެސްޓެއް ނަމަވެސް މިދިޔަ އަހަރުން ފެށިގެން ރާއްޖެއިން މި ޓެސްޓް ހެދޭނެ އިންތިޒާމް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.
ސަރުކާރުގެ އަމާޒަކީ ކޮންމެ އަހަރަކުވެސް މަދުވެގެން 10 ޕޭޝެންޓުން ބޯންމެރޯ ހެދުމަށް ފޮނުވުމެވެ. މިދިޔަ އަހަރު 14 ކުދިން ބޯންމެރޯ ހެދުމަށް ސަރުކާރުން ވަނީ ފޮނުވާފައެވެ. އޭގެ ތެރެއިން ބައެއް ކުދިންގެ ފަރުވާ ކުރިއަށްދާއިރު އަނެއްބައި ކުދިންވަނީ ފަރުވާ އެއްކޮށް ނިމި މިހާރު ވަނީ ރާއްޖެ އައިސްފައެވެ.
ރިއެކްޝަންސް






