
ދައުލަތުގެ ބަޖެޓް 3.4 ބިލިއަން ރުފިޔާއިން އަރަނިވެއްޖެ
އާމްދަނީ 11.2 ބިލިއަނަށް އަރައިފި
ދައުލަތަށް ލިބުނު އާމްދަނީ ގާތްގަނޑަކަށް 11.2 ބިލިއަން ރުފިޔާއަށް އިތުރުވެ, މިއަހަރުގެ ދައުލަތުގެ ބަޖެޓް 3.4 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.
ދައުލަތުގެ މާލީ ވުޒާރާއިން މިއަދު އާންމުކުރި 'ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް' ރިޕޯޓުގައިވާ ގޮތުން، މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ވަނީ ގާތްގަނޑަކަށް 11.2 ބިލިއަން ރުފިޔާ ލިބިފަ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ދައުލަތަށް ލިބިފައިވަނީ 10.7 ބިލިއަން ރުފިޔާ އެވެ.
މި އަހަރުގެ އެ މުއްދަތުގެ ތެރޭގައި ދައުލަތަށް ލިބުނު އާމްދަނީގެ ތެރޭގައި ޓެކްސްގެ ގޮތުގައި ލިބުނު 8.8 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން ޢާމްދަނީގެ ގޮތުގައި ލިބުނު 1.9 ބިލިއަން ރުފިޔާއާއި ހިލޭ އެހީގެ ގޮތުގައި ލިބުނު 43.6 މިލިއަން ރުފިޔާ ހިމެނެއެވެ. ޓެކްސްއާއި ހިލޭ އެހީގެ ގޮތުގައި ލިބުނު ޢާމްދަނީ ވަނީ އިތުރުވެފައެވެ.
10 އޭޕްރީލްއާ ހަމައަށް ހޭދަވި ހަފްތާގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓުއަރިޒަމް ދާއިރާއިން ލިބުނު ޖީއެސްޓީންނެވެ. އެގޮތުން، އެ މުއްދަތުގައި ޓީޖީއެސްޓީގެ ގޮތުގައި ގާތްގަނޑަކަށް 3.6 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް ހިސާބުތަކުން ދައްކައެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ ގާތްގަނޑަކަށް 3.1 ބިލިއަން ރުފިޔާ އެވެ. މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި މި އަހަރުގެ އެ މުއްދަތުގައި 556.9 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 327.2 މިލިއަން ރުފިޔާ އެވެ.
ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރި ފައިސާގެ މިންވަރު ވެސް މިއަހަރު އިތުރުވެފައިވާކަން ފިނޭންސް މިނިސްޓްރީން ފާހަގަކުރައްވައެވެ. އެގޮތުން، 10 އޭޕްރީލްގެ ނިޔަލަށް ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް 437.1 މިލިއަން ރުފިޔާ ވަނީ ޖަމާކޮށްފައެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި އެ ފަންޑަށް ޖަމާކޮށްފައިވަނީ 342 މިލިއަން ރުފިޔާ އެވެ.
10 އޭޕްރީލްގެ ނިޔަލަށް ދައުލަތުގެ ހަރަދުތައް ގާތްގަނޑަކަށް 9 ބިލިއަން ރުފިޔާގައި ހުރިއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ދައުލަތުން ވަނީ ގާތްގަނޑަކަށް 11.8 ބިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. މިއަހަރުގެ ހަރަދުތަކުގެ ތެރޭގައި ލޯނު ދެއްކުމަށް ހޭދަވި ގާތްގަނޑަކަށް 2.4 ބިލިއަން ރުފިޔާ ހިމެނޭކަން މިނިސްޓްރީގެ ހިސާބުތަކުން ދައްކައެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ލޯން ދެއްކުމަށް ހޭދަކުރީ 847.9 މިލިއަން ރުފިޔާ އެވެ.
މިދިޔަ އަހަރުގެ އެ މުއްދަތުގައި ބަޖެޓްގެ ޕްރައިމަރީ ބެލެންސް ވަނީ 351.6 މިލިއަން ރުފިޔާއިން އަރަނިވެފައެވެ. މިއަހަރުގެ އެ މުއްދަތުގައި އެ އަދަދު ވަނީ ގާތްގަނޑަކަށް 3.4 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. އެއާ އެކު، މިއަހަރުގެ ޖުމްލަ ބަޖެޓްގެ ބެލެންސް އެހާތަނަށް ވަނީ 2.1 ބިލިއަން ރުފިޔާއިން އަރަނިވެފައިވާކަން މިނިސްޓްރީން ފާހަގަކުރައްވައެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ޖުމްލަ ބަޖެޓްގެ ބެލެންސް ހުރީ 1.1 ބިލިއަން ރުފިޔާގެ ޑެފިސިޓްގަ އެވެ.
ރިއެކްޝަންސް






