
ރެއާލްގެ ޒުވާން ކުޅުންތެރިން ހޯދި މޮޅާއެކު އަންޗެލޮޓީ ހިތްހަމަޖެހިފައި
ބުދަ ދުވަހުގެރޭ ކޮޕާ ޑެލް ރޭގެ ކުއާޓަރ ފައިނަލްސްގައި ރެއާލް މެޑްރިޑްގެ ޒުވާން ކުޅުންތެރިން ދެއްކި ކުޅުމާމެދު ހިތްހަމަޖެހިފައި ހުރިކަމަށް ކޯޗު ކާލޯ އަންޗެލޮޓީ ބުނެފިއެވެ. ރެއާލުން ލެގަނޭސްގެ މައްޗަށް ކުރިހޯދީ 3-2 ންނެވެ.
ރޭގެ މެޗުގައި ރެއާލްގެ ޑިފެންސްގައި 21 އަހަރުގެ ރައުލް އަސެންސިއޯ އަދި 20 އަހަރުގެ ޖެކޯބާ ރަމޮން ހިމެނުނު އިރު އެޓޭކުގައި 19 އަހަރުގެ އަރްދާ ގުލާ އަދި 18 އަހަރުގެ އެންޑްރިކް ވެސް ހިމަނާފައި ވެއެވެ.
ރެއާލްއަށް މެޗުގެ ލީޑު ނަގައިދިނީ ކެޕްޓަން ލޫކާ މޮޑްރިޗްއެވެ. އެއީ 18ވަނަ މިނިޓްގައި ރޮޑްރީގޯ ތަނަވަސްކޮށްދިން ފުރުޞަތެއްގައެވެ. އޭގެ ހަތް މިނިޓް ފަހުން އެންޑްރިކް ވަނީ ރެއާލްއަށ ލީޑު ފުޅާކޮށްދީފައެވެ.
ފުރަތަމަ ހާފު ނިމުގެ ކުރިން ލެގަނޭސް އަށް ލިބުނު ޕެނަލްޓީ އެއްގައި ހުއާން ކްރޫޒް އެޓީމުގެ ފުރަތަމަ ގޯލް ކާމިޔާބު ކުރީ މެޗުގެ 39 ވަނަ މިނިޓްގައެވެ. އޭނާ ވަނީ 59 ވަނަ މިނިޓްގައި އިތުރު ގޯލެއް ކާމިޔާބުކޮށް ނަތީޖާ އެއްވަރުކޮށްފައެވެ.
ރެއާލްއަށް ނަތީޖާ ބަދަލުކޮށްދީ މެޗުން މޮޅުކޮށްދިން ގޯލް މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ނިކުއިން ގޮންޒާލޯ ގާސިއާއެވެ. ރެއާލްގެ ރިޒާވް ޓީމް; ކަސްޓިޔާ ގައި މިސީޒަންގައި އޭނާވަނީ 19 ގޯލް ކާމިޔާބުކޮށްފައެވެ. ބްރަހިމް ޑިއަޒް ނަގައިދިން ހުރަހަކުން މެޗުގެ ފަހު ވަގުތު ކާމިޔާބުކުރި ގޯލާއެކު ރެއާލް މެޑްރިޑް އިން މިވަނީ ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފައެވެ.
"ވަރަށް ހަމަހަމަ އެހަނަސް ވާދަވެރި މެޗެއް. ފަހަތުގައި މައްސަލަތަކެއް އުޅުނު. ކުޑަކޮށް ހާސްކޮށް ފެނުނީ ފުރަތަމަ ކޮޅު. އެކަމަކު ހަމަޔަކަށް އެޅި ފަހުން ރަނގަޅަށް ދިޔައީ. އަހަރެން މިހުރީ ޒުވާން ކުޅުންތެރިން ދެއްކި ކުޅާމާމެދު ހިތްމަޖެހިފައި" މެޗަށްފަހު ބެއްވި ނުސް ކޮންފަރެންސްގައި އަންޗެލޮޓީ ބުނެފައި ވެއެވެ.
ކޮޕާ ޑެލް ރޭ ގެ ސެމީފެ ފުރަތަމަ ޖާގަ އަންގާރަ ދުވަހު ކަށަވަރުކުރީ 5-0 ން ގެޓާފޭ ބަލިކޮށް އެތްލެޓިކޯ މެޑްރިޑް އެވެ. ކުއާޓަރ ފައިނަލްގެ ތިންވަނަ މެޗުގައި މިއަދު ރެއާލް ސޮސިއެޑާޑް ވާދަކުރާނީ އޮސަސޫނާ އާ ދެކޮޅަށެވެ. އަދި ފަހުމެޗުގައި މާދަމާ ބާސެލާނޯ ވެލެންސިއާ އާ ދެކޮޅަށް ނިކުންނާނެއެވެ.
ރިއެކްޝަންސް






