
މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރިން ފްލެޓްތައް ހައްގުވެރިންނާ ހަވާލުކުރެވޭނެ - ރައީސް
މިމަހު ލިސްޓް އިއުލާނު ކުރެވޭނެ ކަމުގެ ޔަގީންކަން ދެއްވި
މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރިން ފްލެޓްތައް ހައްގުވެރިންނާ ހަވާލުކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފްލެޓް ލިސްޓްގެ ކަންކަމާ ގުޅިގެން އޭސީސީން އެންގެވި އެންގުމުގެ ސަބަބުން އެލިސްޓްގެ ސައްހަކަން ބެލުމަކީ މިސަރުކާރަށް ކުރަން ޖެހުނު ވަރަށް 'ހައްސާސީ' މައްސަލައެއް ކަމަށެވެ.
މިމަހުގެ ނިޔަލަށް އެލިސްޓްގެ ސައްހަކަން ކަށަވަރުކޮށް, އިއުލާނުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަނެއްކާވެސް ވިދާޅުވިއެވެ. އަދި ފްލެޓްތައް ނިމޭވަރަކުން ހައްގުވެރިންނަށް ހަވާލުކުރަމުން ދާނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ފްލެޓްތަކުގެ ހައްގުވެރިންނަށް ހަވާލުކޮށް ނިމޭނެކަމުގެ ޔަގީންކަން ދެއްވިއެވެ.
މިދިޔަ ސަރުކާރުން މަސައްކަތް ފަށާ އެކި މަރުހަލާގައި ހުރި ފްލެޓްތައް ލިބޭ 4000 މީހުންގެ ފައިނަލް ލިސްޓް މިދިޔަ ސަރުކާރުން ގެޒެޓް ކުރިއެވެ. ނަމަވެސް އެކަމުގައި ގޯސްތަކެއް އުޅޭކަމަށް އޭސީސިން ނިންމާ, ރިކޮމެންޑޭޝަންތަކެއް ހުށަހެޅުމާއެކު މިސަރުކާރުން އަލުން އެލިސްޓް ބަލަން ފެށިއެވެ. އެކި ތާރީޚުތައް ދެމުން އައިސް މިހާރު ސަރުކާރުން ދީފައިވާ ތާރިޚަކީ މިމަހުގެ ނިޔަލަށް ލިސްޓް އިއުލާނުކުރުމެވެ.
ރިއެކްޝަންސް






