އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރަން ނިންމި ވާހަކަ ފޮރިން މިނިސްޓްރީން ދޮގުކޮށްފި
އިންޑިއާގެ ބެންގަލޫރުގައި ދިވެހިރާއްޖޭގެ ކޮންސިއުލޭޓެއް އަދި ރާއްޖޭގެ އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރުމަށް ނިންމާފައިވާ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ހާމަކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ، މި މައުލޫއާ ގުޅޭގޮތުން ބައެއް ނޫސްތަކުގައާއި މީސްމީޑިއާގައި ޝާއިއުކޮށް ފަތުރަމުންދާ ހަބަރުތަކަކީ އެއްވެސް މިންވަރަކަށް ސައްހަ ހަބަރުތަކެއް ނޫން ކަމަށެވެ.
މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ވެރިރަށް މާލެ ސިޓީ ފިޔަވައި ރާއްޖޭގެ އެހެން އެއްވެސް ރަށެއްގައި ބޭރު ގައުމެއްގެ ކޮންސިއުލޭޓެއް ނުވަތަ މިޝަނެއް ގާއިމުކުރުމާމެދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިހާތަނަށް ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ. އަދި މިފަދަ ކަމަކީ ކަމާގުޅުންހުރި އެންމެހައި ފަރާތްތައް ހިމެނޭހެން، ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިގެން މެނުވީ ނިންމޭނެ ކަމެއް ނޫން ކަމަށް ދިވެހި ސަރުކާރުން ދެކޭ ކަމަށްވެސް އެ މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
މީގެއިތުރުން، މުޖުތަމައުގެ ހަމަޖެހުމާއި ރައްޔިތުންގެ ހޭލުންތެރިކަމަށްޓަކައި، ނޫސްތަކާއި މީސްމީޑިއާގައި ހަބަރު ފަތުރާއިރު ތެދު އަދި ޒިންމާދާރު މައުލޫމާތު ޝާއިއުކުރުމަކީ ނުހަނު މުހިންމު ކަމެއްކަން ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ ހަނދާންކޮށްދީފައެވެ.
ރިއެކްޝަންސް





