އެމްއެމްއޭގެ މުހިންމު ދެ ގަވާއިދަކަށް ޚިޔާލު ހޯދުމަށް އާންމުންނަށް ހުޅުވާލައިފި
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލާފައިވާ މުހިންމު ދެ ގަވާއިދަކަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު އާންމުންނަށާއި ކަމާގުޅުންހުރި ފަރާތްތަކަށް ހުޅުވާލައިފިއެވެ.
މަރުކަޒީ ބޭންކުން ޚިޔާލު ހޯދުމަށް އާންމުކޮށްފައިވަނީ "ފައިނޭންޝަލް ކޮންސިއުމަރ ޕްރޮޓެކްޝަން ރެގިއުލޭޝަން" އަދި "ސިމްޕްލިފައިޑް އެންޑް އިލެކްޓްރޯނިކް ކަސްޓަމަރ ޑިއު ޑިލިޖެންސް ރެގިއުލޭޝަން" އެވެ.
އެމްއެމްއޭއިން ވިދާޅުވީ، ފައިނޭންޝަލް ކޮންސިއުމަރ ޕްރޮޓެކްޝަން ރެގިއުލޭޝަނަކީ ރާއްޖޭގައި މާލީ ޚިދުމަތްތައް ހޯދާ ފަރާތްތަކުގެ ހައްގުތައް ފުރިހަމައަށް ކަށަވަރުކޮށްދީ، އެ ފަރާތްތަކަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި އެކުލަވާލާފައިވާ ގަވާއިދެއް ކަމަށެވެ. އަދި ކަސްޓަމަރ ޑިއު ޑިލިޖެންސްގެ ގަވާއިދަކީ މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން، ކަސްޓަމަރުންގެ ވަނަވަރު ދެނެގަތުމާއި، އެ މައުލޫމާތުތަކުގެ ސައްހަކަން ކަށަވަރުކުރުމުގައި މާލީ އިދާރާތަކުން އަމަލުކުރަންޖެހޭ މިންގަނޑުތަކާއި ޝަރުތުތައް ބަޔާންކުރުމަށް ހަދާފައިވާ ގަވާއިދެކެވެ.
މި ދެ ގަވާއިދަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 2026 އޮގަސްޓު 26 ވާ ބުދަ ދުވަހުގެ މެންދުރުފަހު 15:00 ގެ ނިޔަލަށެވެ. ޚިޔާލު ފޮނުވަން ބޭނުންވާ ފަރާތްތަކުން އެމްއެމްއޭގެ އީމެއިލް އެޑްރެސް fcu@mma.gov.mv މެދުވެރިކޮށް ޚިޔާލު ހުށަހެޅޭނެ ކަމަށް އެ އޮތޯރިޓީން މައުލޫމާތު ދެއެވެ.
އާންމުންގެ އިތުރުން ރާއްޖޭގެ މާލީ އިދާރާތަކާއި، މި ދާއިރާއާ ގުޅުންހުރި އެހެނިހެން މުއައްސަސާތަކުގެ ޚިޔާލާއި ފަންނީ މަޝްވަރާތައްވެސް މި ގަވާއިދުތައް ފައިނަލް ކުރުމުގެ ކުރިން ހޯދުމަށް ވަނީ ހަމަޖެހިފައެވެ.
ރިއެކްޝަންސް





