އަހަރުގެ މިހާތަނަށް 3 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފި
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 3 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 1،379،151 (އެއް މިލިއަން ތިން ލައްކަ ހަތްދިހަ ނުވަހާސް އެއްސަތޭކަ ފަންސާސް އެކެއް) ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއައި 1،435،661 ފަތުރުވެރިންނާ އަޅާބަލާއިރު 3.9 އިންސައްތައިގެ ދަށްވުމެކެވެ.
ރާއްޖެއައި ފަތުރުވެރިން އެކޮމޮޑޭޝަން ހަމަޖެއްސި ގޮތުގެ ތަފްސީލަށް ބަލާއިރު, ރިސޯޓުތަކުގައި 992،462 ފަތުރުވެރިން، ގެސްޓްހައުސްތަކުގައި 300،469 ފަތުރުވެރިން، ހޮޓެލްތަކުގައި 31،723 ފަތުރުވެރިން އަދި ސަފާރީ އުޅަނދުފަހަރުގައި 25،207 ފަތުރުވެރިން ހިމެނެއެވެ. އަދި ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ އެއްވަނަ މާކެޓަކީ ޗައިނާއެވެ. އެގޮތުން އެންމެ ގިނައިން ފަތުރުވެރިން އައި ތިން ގައުމަކީ ޗައިނާ 250،437 ފަތުރުވެރިން، ރަޝިއާ 198،748 ފަތުރުވެރިން، އިނގިރޭސިވިލާތް 105،785 ފަތުރުވެރިންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގައި ގެސްޓްހައުސް ވިޔަފާރި ފުޅާކުރުމަށް ޚާއްސަ އިސްކަމެއް ދެއްވައިގެން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާއިރު، މިހާރު ރާއްޖޭގެ 20 އަތޮޅެއްގެ 116 ރަށެއްގައި ގެސްޓްހައުސްތައް ދަނީ ހިންގަމުންނެވެ. އަދި މި ވިޔަފާރީގެ ދަށުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް 17،188 އެނދު ވަނީ ނެރެދީފައެވެ.
ރިއެކްޝަންސް





