ބްލެކް މާކެޓުގައި ޑޮލަރު ވިއްކާ މީހުން 1 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ބިލު ފާސްކޮށްފި
ރާއްޖޭގެ ބްލެކް މާކެޓުގައި ޑޮލަރު ވިއްކާ މީހުން 1 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.
މި ބިލަކީ ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދު މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ. މީގެކުރިން އެއްވެސް ބަދަލެއް ނުގެނެސް މި ބިލު ފާސްކުރަން މާލިއްޔަތު ކޮމިޓީން ނިންމި ނަމަވެސް، މަޖިލީހުގެ ތަޅުމުން އިއްޔެ ވަނީ ބިލު އިތުރަށް ދިރާސާކުރުމަށް އަނބުރާ ކޮމިޓީއަށް ފޮނުވާލާފައެވެ.
މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި، ބިލަށް މުހިންމު އިސްލާހުތަކެއް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހެވެ. މަމްދޫހު ހުށަހެޅުއްވި އިސްލާހުތަކުގައި ވާގޮތުން، ރާއްޖޭގައި ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ކުރަންވާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާ އާންމުކޮށްފައިވާ ރޭޓް ނުވަތަ ބޭންޑްތަކަށްވުރެ މަތިނުވާނޭހެން، ޑޮލަރަކަށް 15.42 ރުފިޔާއަށްވުރެ ބޮޑުނުވާނެ ގޮތެއްގެ މަތިންނެވެ.
ކޮމިޓީން ފާސްކުރި އިސްލާހުތަކުގެ ދަށުން ކަނޑައަޅާފައިވާ އަދަބުތަކުގެ ތެރޭގައި، އެމްއެމްއޭގެ ރަސްމީ ރޭޓަށްވުރެ މަތީ ރޭޓެއްގައި ޑޮލަރު ވިއްކުމާއި ވިއްކަން މަސައްކަތް ކުރުމަކީ ކުށެއް ކަމަށާއި، މި ކަމުގެ އަދަބަކީ 25،000 ރުފިޔާއާއި 1 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ. ރަސްމީ ރޭޓާ ހިލާފަށް މަތީ އަގެއް އިސްތިހާރު ކުރުމާއި ޕްރޮމޯޓް ކުރުމަކީ ކުށެއްކަމަށާއި، މި ކަމުގެ އަދަބަކީ 25،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ. މިފަދަ ކުށެއް ކުރުމުގައި ޤާނޫނީ ޝަޚުސެއް ނުވަތަ ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއެއް ޝާމިލުވާނަމަ، އެ ފަރާތެއް 100،000 ރުފިޔާއާއި 5 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
މި އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުގައި އިސްތިހާރު ކުރުމާއި ޕްރޮމޯޓް ކުރުން ކަމަށް ބެލެވޭނީ، ޑިޖިޓަލް ވަސީލަތްތަކާއި އެކި ޕްލެޓްފޯމުތައް މެދުވެރިކޮށް ނުވަތަ އެހެންވެސް ގޮތަކުން ރަސްމީ ރޭޓް ނޫން އަގެއްގައި ބޭރު ފައިސާ ގަނެވިއްކުން އާންމުކޮށް ފެތުރުމާއި، ޝާއިޢުކުރުމާއި، އެކަމަށް ހިތްވަރުދިނުމެވެ. އަދި މިފަދަ އަމަލުތަކަށް އިދާރީ ފިޔަވަޅު އެޅި ނަމަވެސް، ޖިނާއީ ދައުވާ އުފުލުމަށް މި ޤާނޫނު ހުރަސްނާޅާނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
މި އިސްލާހުތަކާ ގުޅިގެން އިދިކޮޅު އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ހާއްސަކޮށް ބްލެކް މާކެޓުގައި ޑޮލަރު ހުރި އަގުގެ މައުލޫމާތު މީޑިއާތަކުން ގެނައުމުން ފިޔަވަޅު އެޅޭނެ ފުރުސަތު އޮތުމުން މެންބަރުން ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
މިކަމާ ގުޅޭގޮތުން އެމްޑީޕީގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވީ، ޑޮލަރު ބްލެކް މާކެޓުގައި ވިއްކުމަކީ ހުއްޓުވަންޖެހޭ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް ބާޒާރުގައި ޑޮލަރު ލިބެން ހުރި އަގުގެ މައުލޫމާތު ހާމަކުރުމުގެ ފުރުސަތު ބަންދުވެގެން ނުވާނެ ކަމަށާއި، މި ބަދަލުގެ ސަބަބުން އަނެއްކާވެސް ޑޮލަރުގެ އަގު އުފުލުމުގެ ފުރުސަތު އެބައޮތް ކަމަށް ޝަމްހީދު ފާހަގަކުރެއްވިއެވެ.
މެންބަރުންގެ ކަންބޮޑުވުންތަކާއެކުވެސް، މާލިއްޔަތު ކޮމިޓީން މިއަދު ވަނީ މަމްދޫހު ހުށަހެޅުއްވި އިސްލާހުތަކާއެކު މި ބިލު ފާސްކޮށް، މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ނިންމާފައެވެ.
ރިއެކްޝަންސް





