އައްޑޫ ލިންކް ރޯޑްގެ މަސައްކަތް އެހެން ބަޔަކާ ހަވާލުކުރުމުގެ މަޝްވަރާ ފަށައިފި
އައްޑޫ ސިޓީގެ ލިންކް ރޯޑާއެކު ޖުމްލަ 67.58 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފައި ވަނިކޮށް، ލިންކް ރޯޑުގެ މަސައްކަތް އެހެން ބަޔަކާ ހަވާލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ، އައްޑޫ ލިންކް ރޯޑުގެ މަސައްކަތް އެކަށީގެންވާ ފެންވަރަކަށް ނިންމުމަށް ގާތްގަނޑަކަށް 400 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންކަމުން، ސަރުކާރުގެ އަމާޒަކީ ވީހާވެސް ހަރަދު ކުޑަވާނެ ގޮތަކަށް، އަދި އަވަސް މިނެއްގައި އެ މަސައްކަތް ނިންމާލުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މި މަޝްރޫއަކީ އައްޑޫ ސިޓީގެ ތަރައްގީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވާ ހާއްސަ އަހަންމިއްޔަތުގެ ދަށުން ކުރިއަށްދާ މުހިންމު މަޝްރޫއެކެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހު އައްޑުއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް މުއިއްޒު ވަނީ މި މަޝްރޫއު ރަސްމީކޮށް އިފުތިތާހުކޮށްދެއްވާފައެވެ. އާރްޑީސީއާ މި މަސައްކަތް ހަވާލުކުރީ މިދިޔަ އަހަރުގެ އޭޕްރީލް 8 ވަނަ ދުވަހު، 2028 ވަނަ އަހަރުގެ ކުރިން ނިންމާ ގޮތަށެވެ.
މިނިސްޓަރު މުއްތަލިބް އިތުރަށް ވިދާޅުވީ، ލިންކް ރޯޑުގެ 12.3 ކިލޯމީޓަރުގެ ސަރަހައްދުގައި ތާރު އެޅުމުގެ މަސައްކަތް އެހެން ފަރާތަކާ ހަވާލުކުރުމުގެ ތައްޔާރީތައް ވަމުންދިޔަ ނަމަވެސް، މަޝްރޫއުގައި ހިމެނޭ އިތުރު މަގުތަކުގެ މަސައްކަތް ކުރިއަށް ގެންދާނީ އާރްޑީސީން ކަމަށެވެ. މީގެ ތެރޭގައި އައްޑޫގައި މީގެ ކުރިން ހިންގި މަގު ހެދުމުގެ މަސައްކަތްތަކުގެ ތެރެއިން ނުނިމި ހުރި މަގުތަކާއި ސީޓީބީ އަޅާފައިވާ މަގުތައް ހިމެނެއެވެ.
ލިންކް ރޯޑް މަރާމާތުކޮށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ވީހާވެސް އަވަހަކަށް ފަށައި، އައްޑޫގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތުރުފަތުރުގެ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް މިނިސްޓްރީން ދަނީ ބާރުމިނުގައި މަސައްކަތް ކުރަމުންނެވެ.
ރިއެކްޝަންސް





