ދޯނިން ގެއްލުނު ތިން މީހުން ހޯދުމަށް 6,000 އަށްވުރެ ގިނަ އަކަ މޭލުގެ ސަރަހައްދެއް ބަލައިފި
"ފްރެންޑް 4" ނަމަކަށް ކިޔާ ސަޕްލައި ދޯނި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމަށްޓަކައި އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ހިންގާ ބޮޑު އޮޕަރޭޝަނުގައި، ކަނޑާއި ވައިގެ މަގުން އެއްކޮށް 6000 އަށްވުރެ ގިނަ އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ 2026 އޯގަސްޓް 5 ވަނަ ދުވަހުއެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި ދޯންޏަކީ އެދުވަހުގެ ފަތިހު ތ. މަޑިފުށިން ފުރައިގެން ދަތުރުކުރި ދޯންޏެކެވެ. ދޯނި ދިޔަވެ އަޑިއަށްދާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ އެރޭ 22:40 އެހައިކަންހާއިރުއެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި ގެއްލުނު މީހުން ހޯދުމުގެ މަސައްކަތުގައި މިހާތަނަށް ވައިގެ މަގުން 5212 އަކަ ނޯޓިކަލް މޭލު އަދި ކަނޑުމަގުން 1070.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފައެވެ.
ނަމަވެސް، މިހާތަނަށް ކުރެވުނު މަސައްކަތުން ގެއްލުނު އެއްވެސް މީހަކު ފެނިފައެއް ނުވެއެވެ.
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ, މުހައްމަދު ހަމްދޫން (35 އަހަރު) - ދޯނީގެ ކެޕްޓަން، ތ. މަޑިފުށި., އަލީ ނާފިއު (33 އަހަރު) - ޕޮލިސް ސާޖަންޓް, އިބްރާހީމް އަހްމަދު (39 އަހަރު) - އެމްއެންޑީއެފް ސާޖަންޓްއެވެ.
މި ދޯނި އަޑިއަށްދިޔަ ވަގުތު އޭގައި ޖުމްލަ އަށް މީހުން ތިބި ނަމަވެސް، އޭގެ ތެރެއިން ފަސް މީހަކު ވަނީ ސަލާމަތްކުރެވިފައެވެ. ގެއްލުނު ތިން މީހުންނަކީ ދޯނި އަޑިއަށްދިޔަ ވަގުތު މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ފަރާތްތަކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން، ސިފައިންނާއި ފުލުހުން ގުޅިގެން މި ތިން މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ދަނީ ކުރިއަށް ގެންދަމުންނެވެ. މި އޮޕަރޭޝަނުގައި ސިފައިންގެ ވައިގެ ބާރާއި ކަނޑުގެ ވަސީލަތްތައް ފުޅާ ދާއިރާއެއްގައި ދަނީ ބޭނުންކުރަމުންނެވެ.
ރިއެކްޝަންސް





