މަސްތުވާތަކެތި އެތެރެކުރި 10 މީހެއްގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅޭ ދައުވާ އުފުލައިފި

މަސްތުވާތަކެތި އެތެރެކުރި 10 މީހެއްގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅޭ ދައުވާ އުފުލައިފި

2 hours ago - 09:55
Advertisement
Advertisement

ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭގޮތަށް ގާނޫނަށް ގެނައި އިސްލާހުގެ ދަށުން، މިހާތަނަށް 10 މީހެއްގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅޭ ދައުވާ އުފުލައިފި ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.


މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނައި މި ހަރުކަށި އިސްލާހަށް އަމަލުކުރަން ފަށާފައިވަނީ މިއަހަރުގެ މާޗް މަހުގެ 6 ވަނަ ދުވަހުން ފެށިގެންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މި އިސްލާހު ތަސްދީގު ކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.


ޕީޖީ އޮފީހުން މައުލޫމާތު ދިން ގޮތުގައި، މި ގާނޫނުގެ ދަށުން މިހާތަނަށް ހަ މައްސަލައެއްގައި 10 މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ:

ދިވެއްސެއް: 1.5 ކިލޯގެ ޑައިމޯފިން އެތެރެކުރުމުގެ މައްސަލައިގައި.
އިންޑިއާގެ 6 މީހުން: ތިން މައްސަލައެއްގައި ޖުމްލަ 9.2 ކިލޯގެ ކެނެބިސް އެތެރެކުރުމުގެ މައްސަލައިގައި.
ބަންގްލަދޭޝްގެ 2 މީހުން: 1 ކިލޯގެ މެތު އެތެރެކުރުމުގެ މައްސަލައިގައި.
ސްރީލަންކާގެ މީހެއް: 1.3 ކިލޯގެ މެފެޑްރޯން އެތެރެކުރުމުގެ މައްސަލައިގައި.

އިސްލާހުކުރެވުނު ގާނޫނު ބުނާގޮތުން، ވަކި މިންވަރަކަށްވުރެ ގިނައިން މަސްތުވާތަކެތި އެތެރެކުރާނަމަ އެ މީހެއްގެ އަދަބަކީ މަރުގެ އަދަބެވެ. އެގޮތުން 350 ގްރާމަށްވުރެ ގިނަ ކެނެބިސް، 250 ގްރާމަށްވުރެ ގިނަ ޑައިމޯފިން ނުވަތަ 100 ގްރާމަށްވުރެ ގިނަ އެހެން ބާވަތެއްގެ މަސްތުވާއެއްޗެއް އެތެރެކޮށްފިނަމަ މަރުގެ އަދަބު ކަނޑައެޅޭނެއެވެ.


ސަރުކާރުން ބުނެފައިވަނީ މިފަދަ ހަރުކަށި އަދަބުތަކެއް ކަނޑައެޅީ މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ސަލާމަތްކޮށް، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށްޓަކައެވެ. ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވަނީ ސަރުކާރުގެ އަމާޒަކީ މި މައްސަލައިގެ އަސްލާ ހަމައަށް ގޮސް، މުޅި މުޖުތަމައު މި ނުރައްކަލުން ސަލާމަތްކުރުން ކަމަށެވެ.


މި އިސްލާހުގެ ދަށުން މަރުގެ އަދަބު ކަނޑައަޅާ މައްސަލަތައް ރާއްޖޭގެ މަތީ މަރުހަލާގެ ކޯޓުތަކުން އަލުން މުރާޖައާ ކުރަންޖެހޭނެ ކަމަށާއި، މިފަދަ ކުށްތަކުގައި އަދަބަށް އެއްވެސް ލުޔެއް ނުދެވޭނެ ކަމަށްވެސް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement