
އެއަޕޯރޓްގައި ގަވާއިދާ ހިލާފަށް ޑޮލަރު މާރުކުރަން އުޅުނު ބަނގްލަދޭޝް މީހަކު ހައްޔަރުކޮށްފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ގަވާއިދާ ހިލާފަށް ޑޮލަރު މާރުކުރަން އުޅުނު ބަނގްލަދޭޝް މީހަކު ހައްޔަރުކޮށްފިއެވެ.
މިމައްސަލާގައި އިއްޔެ ފުލުހުން ހައްޔަރުކުރީ ރަފިޤުލް އިސްލާމް (30އ) އެވެ. އޭނާ ހައްޔަރުކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރިސޯޓް ކައުންޓަރުތައް ކައިރީގައި ގަވާއިދާ ހިލާފަށް ބޭރުފައިސާ މާރުކުރާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭނާ އަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ މީހެއްކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ޓޫރިސްޓު ޕޮލިހުން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު 68،000 އަށްވުރެ ގިނަ ދިވެހި ރުފިޔާއާއި 1700 އަށްވުރެ ގިނަ ޔޫއެސްޑޮލަރުގެ އިތުރުން އެކި ގައުމުތަކުގެ ފައިސާ ފެނުނު ކަމަށް ފުލުހުން ވިދާޅުވިއެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން ކޯޓުން ވަނީ އޭނާ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
ފުލުހުން ވިދާޅުވީ މައްސަލަ ތަހުގީގު ކުރަމުންދާކަމަށެވެ.
ރިއެކްޝަންސް






