އެމްޑީޕީގެ 4 މެމްބަރެއްގެ ނަން އިއްވުމަށްފަހު ޖަލްސާ މެދުކަނޑާލައިފި
ފުރަތަމަ އިއްވީ މެމްބަރު ޒިޔާދުގެ ނަން
އެމްޑީޕީގެ 4 މެމްބަރެއްގެ ނަން އިއްވުމަށްފަހު ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ މެދުކަނޑާލައިފި އެވެ.
ޖަލްސާ މެދުކަނޑާލެއްވީ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު (ފިއްޓޭ) ނެންގެވި ނިޒާމީ ނުކުތާއެއް ރިޔާސަތުން ގަބޫލުނުކުރެއްވުމުން ކުރިއަށް ގެންދެވި ނުރުހުން ފާޅުކުރެއްވުން ހުއްޓާނުލެއްވުމުންނެވެ. ނިޒާމީ ނުކުތާ ގަބާލުނުކުރެއްވުމުން ތަކުރާރުކޮށް ނުރުހުން ފާޅުކުރައްވުމުން މެމްބަރު ޒިޔާދުގެ ނަން. ރިޔާސަތުން އިއްވިއެވެ. އެކަމަކު ތަޅުން ދޫކުރައްވާ ނިކުމެވަޑައިގަތުމުގެ ބަދަލުގައި ވަޑައިގެންނެވީ ރިޔާސަތުގެ ކުރިމައްޗަށެވެ. ރިޔާސަތުގެ ކުރިމަތީގައި ނުރުހުން ފާޅުކުރައްވަން ފެއްޓެވުމުން އެމްޑީއަށް ނިސްބަތްވެވަޑައިގަންނަވާ އެހެން މެމްބަރުންވެސް ރިޔާސަތުގެ ކުރިމައްޗަށް ވަޑައިގެން އެކަމުގައި ބައިވެރިވަޑައިގެންނެވިއެވެ. އެމްޑީޕީގެ މެމްބަރުން ނުރުހުން ފާޅުކުރައްވަން ފެއްޓެވުމުން ރިޔާސަތުން އެކަން އެގޮތަށް ނުކުރައްވަން އެދިވަޑައިގެންނެވިއެވެ. އެންމެ ފުރަތަމަ ތަކުރާރުކޮށް އެދިވަޑައިގަތީ އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހީމް ނާޒިލްގެ އަރިހުންނެެވެ. ނަމަވެސް މެމްބަރު ނާޒިލް ނުރުހުން ފާޅުކުރެއްވުން ހުއްޓާނުލެއްވުމުން ނަން އިއްވިއެވެ. އޭގެފަހުން ދެން އިއްވެވީ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރުގެ ނަމެވެ. އަދި ކެޔޮދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިއުޝާދުގެ ނަންވެސް އިއްވިއެވެ.
އެމެމްބަރުން ތަޅުން ދޫކުރައްވާ ނިކުންނަވަންދެން ޖަލްސާ މެދުކަނޑާލެއްވީ 11:00 ގައި އަލުން ޖަލްސާ ފައްޓަވާނެ ކަމަށް އިއުލާނު ކުރެއްވުމަށްފަހުއެވެ. ޖަލްސާ މެދުކަނޑާލެއްވިއިރު އެމްޑީޕީގެ އެހެން މެމްބަރުންނާއި, އެމްޑީއޭއަށް ނިސްބަތްވެ ވަޑައިގަންނަވާ ވެލިދޫ ދާއިރާގެ މްބަރު މުހައްމަދު އައްބާސްވެސް ހުންނެވީ ރިޔާސަތުގެ ކުރިމަތީގައެވެ. މެމްބަރު ފިއްޓޭގެ ނިޒާމީ ނުކުތާއަށް ރިޔާސަތުން ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވީ މެމްބަރު ބޭނުންފުޅުވާ ޖަވާބު ވަޒީރު ނުދެއްވުމަކީ ނިޒާމްގެ މައްސަލައެއް ނޫން ކަމަށެވެ. މަޖިލިހުގެ ތަޅުމަށް މިއަދު ވަޑައިގެން ހުންނެވީ ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ.އަލީ ހައިދަރެވެ. ފުރަތަމަ ދުވަހު ވަޒީރު މަޖިލިހަށް ވަޑައި ނުގަންނަވައެވެ.
ރިއެކްޝަންސް