އިނގިރޭސި ފުޓްބޯޅައަށް ސަރުކާރުގެ 'ނުފޫޒު' ވަދެ ޔުއެފާގެ އަދަބަކާ ދިމާލަށް!
އިނގިރޭސި ސަރުކާރުން ހުށަހަޅާފައިވާ ކުޅިވަރު ހިންގުމާބެހޭ ބިލާއެކު ސަރުކާރުގެ ނުފޫޒު ކުޅިވަރަށް ވަނުމުގެ ފުރުޞަތު އޮތްކަމަށްބަލާ, އިނގިރޭސި ޤައުމީ ޓީމާއި ކްލަބްތަކަށް ޔުއެފާއިން ފިޔަވަޅެއް އެޅުން ގާތްކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ޔުއެފާއިން ޔުނައިޓެޑް ކިންގްޑަމް (ޔޫކޭ)ގެ ކަލްޗަރ ސެކްރެޓަރީ, ލިސާ ނެންޑީއަށް އަށް ފޮނުވާފައިވާ ސިޓީއެއްގައި, ޔޫރަޕްގެ ފުޓްބޯޅަ ހިންގާ ޖަމާއަތުން ވަނީ އިނގިރޭސި ސަރުކާރުން ކުޅިވަރުގެ ސިޔާސަތަށް ގެންނަށް ހުށަހަޅާފައިވާ ބަދަލުތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ.
ސަރުކާރުން ހުށަހަޅާފައިވާ ބިލްގައި ވާގޮތުން އިނގިރޭސި ފުޓްބޯޅައިގެ ކަންކަން ދެން ބަލަހައްޓާނީ މިނިވަން ފުޓްބޯޅަ ރެގިއުލޭޓަރެކެވެ. އަދި ރެގިއުލޭޓަރުގެ ޒިންމާގެ ތެރޭގައި ކްލަބްތަކުން ދެމެހެއްޓެނިވި ގޮތެއްގައި މާލީކަންކަން ކުރިއަށް ދޭތޯ ބެލުން ހިމެނެއެވެ. މީގެ އިތުރުން ޔޫރަޕިއަން ސުޕަރކަޕް ފަދަ އިތުރު މުބާރާތްތަކުގައި އިނގިރޭސި ކްލަބްތަކުން ބައިވެރިނުވެވޭ ގޮތް ހެދުމުގެ ބާރުވެސް މިނިވަން ރެގިއުލޭޓަރަށް ލިބިގެން ވެއެވެ.
ނަމަވެސް ޔުއެފާގެ ޤަވައިދު ބުނާގޮތުން ޔޫރަޕްގެ ފުޓްބޯޅައިގެ ކަންކަން ނިންމުމުގައި ސަރުކާރުގެ ދައުރެއް އަދި ނުފޫޒެއް އޮވެގެން ނުވާނެއެވެ. މާނައަކީ ސަރުކާރުން އެކަންކަން ބަލަހައްޓާނެ ބޮޑީއެއްވެސް ކަނޑަނޭޅޭނެއެވެ.
ޔުއެފާގެ ޖެނެރަލް ސެކްރެޓަރީ, ތެއޮޑޯ ތެއޮޑޯރިޑިސް ސޮއިކޮށް ފޮނުވި ސިޓީއާ ޙަވާލާދީ އެސޯސިއޭޓް ޕްރެސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޔުއެފާގެ ގަވާއިދުތަކުން ކްލަބްތަކަށް އަމިއްލަ ޒާތުގައި ހިންގާ މުބާރާތްތަކުގައި ވާދަކުރުމަށް ދީފައިވާ ބާރާއި ހަމަހަމަ ފުރުޞަތު ގެއްލޭގޮތަށް މެމްބަރު ޤައުމެއްގެ ސަރުކާރުން އަމަލުކުރާނަމަ ޔުއެފާގެ މުބާރާތްތަކުންނާއި, އެ ފެޑެރޭޝަނުން ވަކިކުރުމުގެ ބާރު އެޖަމާއަތަށް ލިބިގެންވާ ކަމަށް އަންގާފައިވެއެވެ.
އެންމެފަހުގެ ދެ ޔޫރޯ މުބާރާތުގެ ދެވަނަ މަޤާމް އިނގިރޭސި ގައުމީ ފުޓްބޯޅަ ޓީމު ހޯދާފައިވާއިރު އެގައުމުން މިހާރު ތައްޔާރުވަމުންދަނީ 2028 ގެ މުބާރާތް އެގައުމުގައި ބޭއްވުމަށެވެ.
ޔުއެފާއިން އިނގިރޭސި ފުޓްބޯޅައަށް ފިޔަވަޅު އަޅައިފިނަމަ އެގައުމަށް ޔޫރޯގައި ބައިވެރިވުމުގެ ފުރުޞަތު ގެއްލޭނެއެވެ. އަދި ޗެޕްމިއަންސް ލީގާއި އެފަދަ އެހެން ލީގުތަކުގައި އިނގިރޭސި ޕްރިމިއަރ ލީގުގެ ކްލަބްތައް ވާދަކުރުމުގެ ފުރުޞަތުވެސް ގެއްލޭނެއެވެ.
އިނގިރޭސި ސަރުކާރުން މިހާރު ހުށަހަޅާފައިވާ 'ފުޓްބޯލް ގަވަނަންސް ބިލް' ން މިނިވަން ރެގިއުލޭޓަރަށް ކްލަބްތައް ހިންގުމާއި ކްލަބްތަކުގެ މިލްކުވެރިކަން ދިނުމުގައި ޓެސްޓްކުރެވޭނެ ގޮތްތައް ހަރުދަނާ ކުރުމުގެ ބާރުވެސް ލިބެއެވެ. އެހެންކަމުން ކްލަބްތަކުގެ ކުރިމަގު ބައްޓަން ކުރާނެ ގޮތް ވެސް ކަނޑައަޅާނީ ރެގިއުލޭޓަރު ކަމަށް ރިޕޯޓްތައް ބުނެއެވެ.
ނަމަވެސް ޔުއެފާގެ ޤަވާއިދު ބުނާގޮތުން އެގައުމެއްގެ ފުޓްބޯޅައިގެ ކަންކަން ބަލަހައްޓާންވާނީ އެގައުމެއްގެ ޤައުމީ ފެޑެރޭޝަނުންނެވެ. ޔުއެފާއިން އިތުރަށް ބުނެފައިވާ ގޮތުގައި ޤައުމުތަކުން މިގޮތަށް ރެގިއުލޭޓަރުން ކަނޑައަޅަންވެއްޖެނަމަ ޔޫރަޕްގެ އެހެން ގައުމުތަކުގެ ފުޓްބޯޅައިގެ ހިންގުމަށް ނޭދެވޭ އަސަރުތަކެއް ކުރާނެއެވެ.
ޔޫކޭ ސަރުކާރުގެ ސްޕޯކްސް ޕަރސަންއާ ޙަވާލާދީ އީއެސްޕީއެން އިން ރިޕޯޓްކޯށްފައިވާ ގޮތުގައި 'ފުޓްބޯލް ގަވަރނަންސް ބިލް' ން އިނގިރޭސި ފުޓްބޯޅައިގެ ހުރި އަސާސީ މައްސަލަތައް ޙައްލު ކުރެވިގެންދާނެއެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ކްލަބްތަކުގެ ފައިދާއަށް މުޙިއްމު މަސައްކަތްތަކެއް ކުރެވިގެންދާނެއެވެ.
ރިއެކްޝަންސް