ޔަމާލްގެ ދެ ގޯލާއެކު ބާސެލޯނާ އަށް ބޮޑު މޮޅެއް
ބާސެލޯނާގެ 17 އަހަރުގެ ފޯވާޑް ލަމީން ޔަމާލް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިން ދެ ގޯލާއެކު ބާސެލޯނާއިން 4-1 ން ޖިރޯނާ ބަލިކޮށްފިއެވެ. އާދިއްތަ ދުވަހުގެރޭ ކުޅުނު މި މެޗުން ބާސެލޯނާ މޮޅުވުމާއިއެކު މިސީޒަންގައި އެޓީމުން ކުޅުނު ފަސް މެޗުން ވެސް ވަނީ މޮޅުވެފައެވެ.
މެޗުގެ 30 ވަނަ މިނިޓާއި 37 ވަނަ މިނިޓްގައި ޔަމާލް ކާމިޔާބުކޮށްދިން ދެ ގޯލާއެކު ފުރަތަމަ ހާފު ނިމުނީވެސް 0-2 ން ބާސެލޯނާ ކުރީގައި އޮވެއެވެ. ދެވަނަ ގޯލް ކާމިޔާބުކޮށްދިނީ ރޮބާޓް ލެވަންޑޮސްކީ ތަނަވަސްކޮށްދިން ފުރުޞަތެއްގައެވެ.
ފަހު ހާފުގެ ކުޅުން ފެށިތާ ތިން ވަނަ މިނިޓްގައި ކޫންޑޭ ތަނަވަސްކޮށްދިން ފުރުޞަތެއްގައި ބާސާއަށް ތިން ވަނަ ގޯލް ކާމިޔާބުކޮށް, ލީޑު ފުޅާކޮށްދިނީ ޑެނީ އޮލްމޯއެވެ. އޮލްމޯއަކީ މިސީޒަންގައި ބާސެލޯނާއާ ގުޅުނު ފޯވާޑެކެވެ. ޑެނީ އޮލްމޯ މިހާތަނަށް ބާސެލޯނާއަށް ތިން މެޗު ކުޅެދިން އިރު ޖުމްލަ ތިން ގޯލްވެސް ވަނީ ކާމިޔާބުކޮށްދީފައެވެ.
64 ވަނަ މިނިޓްގައި ބާސާގެ ހަތަރުވަނަ ގޯލް ކާމިޔާބު ކޮށްދިނީ އެޓީމްގެ މެދުތެރެއަށް ކުޅެމުން އަންނަ ޕެޑްރީއެވެ. ޖިރޯނާގެ ހަމައެކަނި ގޯލް މެޗު ނިމެން ދިހަ މިނިޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ކްރިސްތިއަން ސްޓުއާނީ އެވެ.
މެޗުގައި ޖިރޯނާގެ މިޑްޕީލްޑަރ ޔާސެރް އެސްޕްރިއްލާ އަށް ކުރި ވަރުގަދަ ފައުލާކާ ގުޅިގެން 86 ވަނަ މިނިޓްގައި ބާސެލޯނާގެ ފެރަން ޓޮރޭސްއަށް ވަނީ ސީދާ ރަތްކާޑެއް ވެސް ދައްކާފައެވެ. ކާޑާ ގުޅިގެން ބާސާއިން އިހްތިޖާޖު ކުރުމުން މެޗުގެ ކުޅުން ދެ މިނިޓަށް މެދުކެނޑިފައި އޮތެވެ.
ލަލީގާ ތާވަލްގެ އެއް ވަނައިގައި 15 ފޮއިންޓާއެކު މިހާރު އޮތީ ބާސެލޯނާއެވެ. ވާދަވެރި ރެއާލް މެޑްރިޑް އާއި ވިޔަރެއާލް އަށް 11 ޕޮއިންޓް ލިބިފައިވާއިރު ޖިރޯނާއަށް ލިބިފައިވަނީ 7 ފޮއިންޓެވެ.
ރިއެކްޝަންސް