މަސްތުވާތަކެތި އެތެރެކުރި މައްސަލައިގެ އިސްމީހަކީ ރޫނާ ކަމަށް ފުލުހުން ބުނެފި
ރާއްޖެއަށް 1.5 ކިލޯގެ މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލައެއްގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައިވަނީ، އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ އުމުރުން 29 އަހަރުގެ އާމިނަތު ރޫނާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކޮށްފިއެވެ.
މިދިޔަ އޭޕްރިލް މަހުގެ 17 ވަނަ ދުވަހުގެރޭ ހިންގި މި އޮޕަރޭޝަނުގައި ރޫނާގެ އިތުރުން، އުމުރުން 25 އަހަރުގެ އަލްޔާ ޝަރްސާ ނަސީރު ވެސް ވަނީ ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުން މިއަދު ވަނީ މި ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރު 30 ދުވަހަށް އިތުރުކުރުމަށް އަމުރުކޮށްފައެވެ.
ކޯޓުން ނެރުނު ރޫނާގެ ބަންދު އަމުރުގައިވާ ގޮތުން، އޭނާގެ އިރުޝާދުގެ ދަށުން ރާއްޖެއިން ބޭރަށް ދަތުރުކުރި މީހަކު ގެނައި ލަގެޖަކުން 1.5 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ތުހުމަތު ކުރެވެއެވެ. މައްސަލަ ތަހުގީގު ކުރާ އިންވެސްޓިގޭޝަން އޮފިސަރު ކޯޓުގައި ވިދާޅުވި ގޮތުގައި، މި މުއާމަލާތުގައި އެންމެ އިސް ދައުރެއް އަދާކޮށްފައިވަނީ ރޫނާއެވެ. ނަމަވެސް، މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި ރޫނާ ވަނީ އޭނާގެ ދިފާއުގައި ފުލުހުންގެ ބޮޑީކެމް ރިކޯޑިންގްސް ހޯދުމަށް އެދިފައެވެ.
މި މައްސަލައިގައި ދެން ހިމެނޭ އަލްޔާގެ ބަންދު އަމުރުގައި ބަޔާންކޮށްފައިވަނީ، އޭނާ ރާއްޖެ އައިއިރު ގެނައި ލަގެޖުން 1.5 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އަލްޔާގެ ޓްރެވަލް ހިސްޓްރީއަށް ބަލާއިރު ކައިރި ކައިރީގައި ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިވާކަން އެނގެން އޮތްއިރު، އޭނާގެ ފޯނުން ވެސް މި މައްސަލައާ ގުޅުންހުރި ބައެއް ހެކިތައް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެހެންނަމަވެސް، އަލްޔާގެ ފަރާތުން ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދެމުންދާކަން ފާހަގަކޮށްފައިވެއެވެ. އަދި އޭނާއަކީ ޑިޕްރެޝަނަށް ފަރުވާ ހޯދަމުންދާ މީހެއްކަން ވެސް ބަންދު ރިޕޯޓުން އެނގެއެވެ.
މި ދެ މީހުންގެ މައްޗަށް ފުލުހުން ކުރާ ތުހުމަތުތަކުގެ ތެރޭގައި، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި، މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމުގެ އިތުރުން، މަސްތުވާތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުން ހިމެނެއެވެ.
ފުރަތަމަ ނެރުނު ބަންދު އަމުރުގައި މި ތަކެތީގެ ބަރުދަނުގައި 1.8 ކިލޯ ހުރި ކަމަށް ބުނި ނަމަވެސް، ފަހުގެ ތަހުގީގުތަކުން އެނގޭ ގޮތުގައި މި މައްސަލައިގައި ހިމެނެނީ 1.5 ކިލޯގެ މަސްތުވާތަކެއްޗެވެ. ފުލުހުން ދަނީ މި މައްސަލައިގެ ތަހުގީގު އިތުރަށް ފުޅާކޮށް ހިންގަމުންނެވެ.
ރިއެކްޝަންސް





