މިމަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 2.6 އިންސައްތަ އިތުރުވެއްޖެ
މި މަހުގެ މިހާތަނަށް ދިވެހިރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 2.6 އިންސައްތަ އިތުރުވެފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ މިހާތަނަށް 122,548 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 119,468 ފަތުރުވެރިންނާ އަޅާބަލާއިރު އިތުރުވުމެކެވެ. މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މީގެ ކުރިން ދަށްވި ނަމަވެސް، މި މަހުގެ ތެރޭގައި މި އަދަދުތަކަށް ވަނީ ކުރިއެރުމެއް ލިބިފައެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކުގެ ލިސްޓުގެ ކުރީގައި އުޅެނީ ޗައިނާ އާއި ރަޝިއާއެވެ. އެގޮތުން ޗައިނާއިން 141,339 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ރަޝިއާއިން 121,826 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ދެން އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ އިނގިރޭސިވިލާތް (79,473 ފަތުރުވެރިން)، އިޓަލީވިލާތް (68,906 ފަތުރުވެރިން) އަދި ޖަރުމަނުވިލާތް (60,591 ފަތުރުވެރިން) އިންނެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެ އަންނަ ފަތުރުވެރިންގެ ބޮޑު ބައެއް ބިނާވެފައިވަނީ ރިސޯޓްތަކަށެވެ. އެގޮތުން ޖުމްލަ ފަތުރުވެރިންގެ 70.9 އިންސައްތަ ނުވަތަ 640,988 ފަތުރުވެރިން ރިސޯޓްތަކަށް ޒިޔާރަތްކުރިއިރު، ގެސްޓްހައުސްތަކަށް 24.2 އިންސައްތަ (218,773 ފަތުރުވެރިން) ވަނީ ޒިޔާރަތްކޮށްފައެވެ. މީގެ އިތުރުން ހޮޓާތަކަށް 23,112 ފަތުރުވެރިން އަދި ސަފާރީ އުޅަނދުތަކަށް 19,766 ފަތުރުވެރިން ވަނީ ގޮސްފައެވެ.
ފަތުރުވެރިން ރާއްޖެއަށް އެތެރެވާ ދޮރާށިތަކަށް ބަލާއިރު، އެންމެ ގިނަ ފަތުރުވެރިން އެތެރެވެފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުންނެވެ. އެއީ 898,709 ފަތުރުވެރިންނެވެ. ދެން އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ގަން އިންޓަރނޭޝަނަލް އެއާޕޯޓާއި މާފަރު އިންޓަރނޭޝަނަލް އެއާޕޯޓަށެވެ. ގަން އެއާޕޯޓުން މިހާތަނަށް 3,710 ފަތުރުވެރިން ރާއްޖެއަށް އެތެރެވިކަމަށް ހިސާބުތަކުން ދައްކައެވެ. މިހާރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެވްރެޖްކޮށް ކޮންމެ ދުވާލަކު 6,286 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރެއެވެ.
ރިއެކްޝަންސް





