
"އެމްޔޫ މަނިކުގެ އެންމެ ފަހުގެ އުންމީދަކީ ވެސް މިސްކިތެއް ބިނާކުރެއްވުން"
ސިންގަޕޫރުގައި އަވަހާރަވި ރާއްޖޭގެ ފަތުރުވެރިކަމުގެ އެއް ބާނީ މުޙައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ފަރުވާއަށް ފުވާވަޑައިގެންނެވުމުގެ ކުރިންވެސް ބޮޑު މިސްކިތެއް ބިނާކުރެއްވުމަށް އެދި ސިޓީއެއް ފޮނުއްވި ކަމަށް އިސްލާމިކް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު އުމަރު މަނިކު އަވަހާރަވި ޚަބަރާއެކު ހިތާމަފާޅުކުރައްވާ މިއަދު އިސްލާމިކް މިނިސްޓަރ ޝަހީމް ކުރެއްވި ޕޯސްޓްގައި ވިދާޅުވީ
އެމްޔޫ މަނިކަކީ ދީނީ, އިޖްތިމާޢީ ތައުލީމީ ކަންތައްތަކާއި މީހުން ބިނާކުރެއްވުމަށް ވަރަށް ބޮޑު އަހައްމިއަޔަތުކަމެއް ދެއްވި ބޭފުޅެއް ކަމަށެވެ. އެއީ މިސްކިތްތައް ބިނާކުރެއްވުމާއި މަރާމާތު ކުރެއްވުމަށް އެހީތެރިކަން ދެއްވި ބޭފުޅެއް ކަމަށް ވިދާޅުވިއެވެ.
" އެމަނިކުފާނު އަވަހާރިވި އާލާސްކަންފުޅާ ގުޅިގެން ސިންގަޕޫރަށް ފުރުއްވުމުގެ ކުރިން ވެސް ހުޅުމާލެ ސަރަހައްދުގައި ބޮޑު މިސްކިތެއް ބިނާކުރެއްވުމަށް ސިޓީއެއް މިނިސްޓްރީ އަށް ފޮނުއްވާފައިވޭ. އެމަނިކުފާނުގެ ހަޔާތުގެ އެންމެ ފަހުގެ އުންމީދަކީ ވެސް މިސްކިތެއް ބިނާކުރެއްވުމެވެ." މިނިސްޓަރ ވިދާޅުވިއެވެ.
ސިޓީ އެއް ފޮނުއްވުމުގެ އިތުރުން ބޭފުޅަކު ފޮނުއްވައި އެއީ ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމެއްކަމަށާއި ވީ އެންމެ އަވަހަކަށް މިސްކިތް އެޅުމަށް ޖާގައެއް ހަމަ ޖައްސަވައި ދެއްވުމަށް އެދިވަޑައިގެންނެވި ކަމަށް މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ.
" އަޅުގަނޑުމެން ވަނީ މިހާރު ޖާގައެއް ވެސް އެކަމަށް ހުޅުމާލެ ސަރަހައްދުގައި ހަމަޖައްސާފަ. މާތް ﷲ އެމަނިކުފާނަށް ސުވަރުގޭގައި ގަނޑުވަރެއް ބިނާކުރައްވާށި. އާމީން " ޝަހީމް ވިދާޅުވިއެވެ.
އެމްޔޫ މަނިކު އަވަހާރަވުމާ ގުޅިގެން އެކިފަންތީގެ ގިނަ ބޭފުޅުން ގެންދަވަނީ ތައުޒީޔާ ދަންނަވަމުންނެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމާއި, ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް ކޮށްދެއްވި އަގުނުނުކުރެވޭ މަސައްކަތްތައް ފާހަގަކުރައްވަމުންނެވެ.
ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ މިއަދު ދިވެހިރާއްޖެ މިގޮތުގައި ބައްޓަންކޮށް, ބިނާކުރުމުގެ އެންމެ ބޮޑު އެއް ހިއްސާދާރަކީ ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ ކޮލި މުޙައްމަދު މަނިކު ކަމަށެވެ.
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވީ އެމްޔޫ މަނިކަކީ ފަތުރުވެރިކަމުގެ ޞިނާޢަތް ކުރިއެރުވުމަށް ގިނަ ޚިދުމަތްތަކެއް ކުރެއްވުމުގެ އިތުރުން ދިވެހި ދައުލަތަށްވެސް 19 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ޚިދުމަތް ތެރިއެއް ކަމަށެވެ. އަދި އިޖްތިމާޢީ ދާއިރާއިންވެސް ޤައުމަށް ނުހަނު ގިނަ ޚިދުމަތްތަކެއް ކޮށްދެއްވަމުން ގެންދެވި ބޭފުޅެއްކަން ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް ޞިއްޙީ ދާއިރާ އަށާއި ތަޢުލީމީ ދާއިރާއަށް ކުރެއްވި ޚިދުމަތްތައް ފާހަގަކުރެއްވިއެވެ. އެއީ މަތީތަޢްލީމުގެ ފުރުޞަތު ފަހިކޮށް މީހުން ބިނާކުރުމަށް ވަރަށް ގިނަބަޔަކަށް ދީލަތި އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދެވި ބޭފުޅެއް ކަމަށް ވިދާޅުވިއެވެ.
ރިއެކްޝަންސް






