
ރައީސްގެ ނުފޫޒެއް މަޖިލީހަކަށް އަދި އަޅުގަނޑަކަށް ވެސް ނެތް: އަބްދުއްރަހީމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެއްވެސް ނުފޫޒެއް ރައްޔިތުން މަޖިލިހަކަށް، އަދި އެމަނިކުފާނަކަށް ވެސް ނެތްކަމަށް މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ރައީސުލްޖުމްހޫރިއްޔާއަށް ކުރެއްވި ތުހުމަތުތަކަށް ރައްދު ދެއްވަމުންނެވެ.
މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހާ ގުޅޭ ބަހުސްގައި މައުރޫފް ޒާކިރު ވަނީ ރައީސް މުޢިއްޒު މަޖިލިސް ކޮންޓްރޯލް ކުރައްވަމުންދާ ކަމަށާއި، މަޖިލީހުގެ ރައީސްވެސް ކޮންޓްރޯލް ކުރައްވާ ކަމަށް ތުހުމަތުކުރައްވާފައެވެ.
މި ތުހުމަތުތަކަށް ރައްދުދެއްވަމުން ޢަބްދުއްރަޙީމް ވިދާޅުވީ މަޖިލިސް ހިންގަމުންދަނީ ގަވާއިދާއި އުސޫލުތަކާ އެއްގޮތަށް ކަމަށާއި، ރައީސުލްޖުމްހޫރިއްޔާގެ ނުފޫޒެއް މަޖިލީހަށްވެސް އަދި އެމަނިކުފާނަށްވެސް ނެތް ކަމަށެވެ.
"ތިން ބާރު ވަކިވެފައިވާ ނިޒާމެއް މިއޮތީ. އެއްބާރުން އަނެއްބާރަށް ނުފޫޒު ފޯރުވުމަކާ ނުލައި، އެއްބާރު އަނެއްބާރަށް ފާރަވެރިވެގެން މަސައްކަތް ކުރާގޮތަށް އިންތިޒާމްކުރެވިފައިވާ ނިޒާމެއް ރާއްޖޭގައި މިއޮތީ،" ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޕާޓީގެ ސުޕަ މެޖޯރިޓީ މަޖިލީހުގައި އޮތުމަކީ އެމަނިކުފާނު މަޖިލިސް ކޮންޓްރޯލްކުރުން ކަމަށް ބެލެވޭނެ ސަބަބެއް ނޫން ކަމަށްވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
ރިއެކްޝަންސް






