
ސްޓެލްކޯއިން އިލެކްޓްރިކް އުޅަނދުފަހަރަށް އައު ބެޓެރި ނިޒާމެއް ތަޢާރަފުކުރަނީ
ސްޓެލްކޯއިން ޓައިވާނުގެ ގޮގޯރޯ ބްރޭންޑުގެ އެޑްވާންސްޑް ބެޓެރި މެނޭޖުމެންޓު ސިސްޓަމް ރާއްޖެއަށް ތަޢާރަފުކޮށް، އާންމުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސަމުންދާ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ހުސެން ފަހުމީ ވިދާޅުވެއްޖެއެވެ.
މި ނިޒާމުގެ ދަށުން، މާލޭގެ އެކި ސަރަޙައްދުތަކުގައި ބެޓެރި ސިސްޓަމްތައް ޤާއިމުކުރެވި، އެއާ ގުޅޭ ސައިކަލުތައް ރާއްޖެ އެތެރެކުރުމުގެ ފުރުޞަތު ވިޔަފާރިވެރިންނަށް ހުޅުވިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ..
އިލެކްޓްރިކް ސައިކަލުތައް ޓެސްޓުކުރުމުގެ ފުރުޞަތު އާންމުންނަށް ހުޅުވާލުމަށް ރޭވިފައިވާ ކަމަށްވެސް ފަހުމީ ވިދާޅުވިއެވެ. މީގެ އިތުރުން، ކާރު ޗާޖުކުރުމަށް އީވީ ޗާޖިންގ ސްޓޭޝަންތައް ޤާއިމުކުރެވޭނެކަމަށްވެސް ވިދާޅުވިއެވެ.
މި ނިޒާމަށް ބޭނުންވާ ހަކަތަ ފޯރުކޮށްދޭނީ ތިމާވެއްޓާ ރައްޓެހި ގޮތްތަކަށް ކަމަށް ފަހުމީ ވިދާޅުވިއެވެ. މިއީ ސަރުކާރުގެ އިއާދަކުރަނިވި ހަކަތައިގެ 33 އިންސައްތައިގެ އަމާޒަށް ވާސިލުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢުގެ ސަބަބުން މާލޭގެ ވައި ތަޣައްޔަރުވުން ކުޑަވެ، ރައްޔިތުންގެ ޞިއްޙަތަށް ފައިދާކުރާނެ ކަމަށް ފަހުމީ ޤަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ.
ރިއެކްޝަންސް






