ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މާލީ ބަޔާންވެސް އާންމުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފްގެ މާލީ ބަޔާން މިއަދު އާންމުކުރައްވައިފިއެވެ. މިއީ ސަރުކާރުގެ ދެފުށް ފެންނަ ސިޔާސަތުގެ ދަށުން، ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މާލީ ހާލަތު ހާމަކުރުމަށް ކުރަމުންދާ މަސައްކަތުގެ ބައެކެވެ.
މިއަދު އާންމުކުރި މާލީ ބަޔާނުގައިވާ ގޮތުން، ފާއިތުވި ހަ މަސްދުވަހުގެ ތެރޭގައި މުސާރައިގެ ގޮތުގައި ނައިބު ރައީސަށް 314,664.07 ރުފިޔާ ލިބިވަޑައިގެންފައިވެއެވެ. އެމަނިކުފާނުގެ މާލީ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، އެކި ބޭންކުތަކުގައި ޖުމްލަ ހަތަރު އެކައުންޓެއް ގެންގުޅުއްވައެވެ.
ބޭންކް އެކައުންޓްތަކުގައި ހުރި ފައިސާގެ ތަފުސީލަށް ބަލާއިރު:
ބޭންކް އޮފް މޯލްޑިވްސް (ރުފިޔާ އެކައުންޓް): 8,390.00 ރުފިޔާ
ބޭންކް އޮފް މޯލްޑިވްސް (ޑޮލަރު އެކައުންޓް): 61.00 އެމެރިކާ ޑޮލަރު
މޯލްޑިވްސް އިސްލާމިކް ބޭންކް (ރުފިޔާ އެކައުންޓް): 39.00 ރުފިޔާ
މޯލްޑިވްސް އިސްލާމިކް ބޭންކް (ޑޮލަރު އެކައުންޓް): 397.00 އެމެރިކާ ޑޮލަރު
ނައިބު ރައީސްގެ މާލީ ބަޔާނުގައި އިތުރަށް ބަޔާންކޮށްފައިވަނީ، އެމަނިކުފާނުގެ މިލްކިއްޔާތުގައި އެއްވެސް މުދަލެއް ނުވަތަ ވިޔަފާރި މަސްލަހަތެއް ނެތް ކަމަށެވެ. އަދި އެއްވެސް ފަރާތަކަށް ދައްކަންޖެހޭ ލޯނެއް ނުވަތަ ދަރަންޏެއްވެސް ނެތްކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ނައިބު ރައީސްގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މާލީ ބަޔާންވެސް މިއަދު ވަނީ އާންމުކޮށްފައެވެ. ރައީސްގެ ބަޔާނުގައިވާ ގޮތުން، ފާއިތުވި ހަ މަސްދުވަހު ތިން މަސްދަރަކުން ޖުމްލަ 705,024.00 ރުފިޔާގެ އާމްދަނީއެއް އެމަނިކުފާނަށް ލިބިވަޑައިގެންފައިވެއެވެ.
ރައީސް މުއިއްޒަށް ލިބިވަޑައިގަތް އާމްދަނީގެ ތެރޭގައި ހިމެނެނީ މުސާރައިގެ ގޮތުގައި ލިބުނު 285,024.00 ރުފިޔާއާއި، ހުޅުމާލޭގައި ހުންނަ ރޯހައުސްއެއް ކުއްޔަށް ދީގެން ލިބުނު 240,000.00 ރުފިޔާގެ އިތުރުން، އާއިލާގެ ފަރާތުން ހަދިޔާގެ ގޮތުގައި ލިބިވަޑައިގަތް 180,000.00 ރުފިޔާއެވެ.
ރިއެކްޝަންސް





