ބިންވެރިޔާ ސްކީމުން އެޗްޑީސީއަށް 15 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުންވެއްޖެ ކަމަށް އޮޑިޓް ރިޕޯޓުން ދައްކައިފި
ކުރީ ސަރުކާރުން ހިންގި "ބިންވެރިޔާ" ސްކީމްގެ ދަށުން ހުޅުމާލެއިން ހިލޭ ބިން ދޫކުރުމުގެ ސަބަބުން، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ލިބެން އޮތް އާމްދަނީގެ ތެރެއިން 14.85 ބިލިއަން ރުފިޔާއާއި 15.93 ބިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއްގެ މާލީ ގެއްލުންވެފައިވާ ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އެދުމުގެ މަތިން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ތައްޔާރުކޮށްފައިވާ މި ހާއްސަ އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ، 2023 ވަނަ އަހަރު ހުޅުމާލެ ފޭސް 2 އަދި 3 އިން ބަންޑާރަ ގޯތި ދޫކުރުމަށް ސަރުކާރުން ނިންމި ބިންތަކަކީ އެޗްޑީސީގެ މިލްކިއްޔާތުގައި ހިމެނޭ، އަދި ކުރިމަގުގައި އެ ކުންފުނިން އާމްދަނީ ހޯދުމަށް ބޭނުންކުރަން ހުރި ބިންތަކެއް ކަމަށެވެ. މި ސްކީމްގެ ދަށުން ޖުމުލަ 2,841,400 އަކަފޫޓުގެ ބިން ވަނީ ދޫކޮށްފައެވެ.
އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ބިންތައް މާކެޓް ރޭޓުގައި ވާދަވެރި ބީލަމެއްގެ ދަށުން ވިއްކިނަމަ، އެޗްޑީސީއަށް 14.8 ބިލިއަނާއި 15.9 ބިލިއަން ރުފިޔާއާ ދެމެދުގެ އާމްދަނީއެއް ލިބުނީހެވެ. ނަމަވެސް އެއްވެސް އަގަކާ ނުލައި އަމިއްލަ ފަރުދުންނަށް ބިންތައް ދިނުމުން، އެ ބިންތައް ދައުލަތާއި އެޗްޑީސީގެ މިލްކިއްޔާތުން މުޅިން ވަކިވެ، އޭގެ ނޭދެވޭ އަސަރު ދައުލަތުގެ މާލީ ހާލަތަށް ކުރާނެ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، މި ސްކީމަކީ އޭގެ ސަބަބުން ކުރާނެ މާލީ އަސަރުތައް ވަޒަންކުރުމެއް ނެތި ހިންގާފައިވާ ސިޔާސަތެއް ކަމަށް އޮޑިޓުން ވަނީ ކަށަވަރުވެފައެވެ. 13 ނޮވެމްބަރު 2023 ގެ ނިޔަލަށް، މި ބިންތަކުގެ ސަބަބުން ކުންފުނީގެ ވިޔަފާރިއަށް ކުރާނެ އަސަރާއި، ދައުލަތުގެ މާލިއްޔަތުން އުނިވާނެ ބަދަލުގެ އަގު އަންދާޒާކުރާ އެއްވެސް ލިޔުމެއް ތައްޔާރުކޮށްފައި ނުވާކަން ފާހަގަކުރެވުނެވެ.
އިޖުތިމާއީ ގޮތުން ބަލާއިރުވެސް، ބިންވެރިޔާ ސްކީމަކީ ބޯހިޔާވަހިކަމުގެ މަގުސަދުތައް އެންމެ ފުރިހަމައަށް ހާސިލުވާ ސްކީމެއް ނޫން ކަމަށް އޮޑިޓްގައި ބުނެފައިވެއެވެ. އެގޮތުން ބޯހިޔާވަހިކަމަށް އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތަށް ރިއާޔަތްކޮށްފައި ނުވުމާއި، ހަމައެކަނި މާލޭގެ ރަޖިސްޓްރީގައިވާ ފަރާތްތަކަށް ހަނިކޮށްފައި އޮތުމުގެ ސަބަބުން، މާލޭގައި ދިރިއުޅޭ އެތައް ހާސް އާއިލާއެއް މި ފުރުސަތުން މަހުރޫމުވެފައިވާކަން ވަނީ ފާހަގަކޮށްފައެވެ.
ތަފާސްހިސާބު: ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ދޫކުރި ގޯތި
ހުޅުމާލެ ފޭސް 2: 1,639 ފަރާތަކަށް 709 ގޯތި
ހުޅުމާލެ ފޭސް 3: 2,481 ފަރާތަކަށް 699 ގޯތި
ޖުމުލަ: 4,120 ފަރާތަކަށް 1,408 ގޯތި (ޖުމުލަ 2,841,400 އަކަފޫޓު)
މި މައްސަލައާ ގުޅިގެން ހައުސިން މިނިސްޓަރ ޑރ. އަބްދުﷲ މުއްތޮލިބް ދާދިފަހުން މަޖިލީހުގައި ވިދާޅުވީ، މި ސްކީމްގެ ސަބަބުން މުސްތަގުބަލުގައި ހައުސިން މަޝްރޫއުތައް ހިންގާނެ ބިމެއް ހުޅުމާލޭގައި މިހާރު ނެތް ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އެހެން ސަރަހައްދުތަކަށް ބަދަލުކުރަން ޖެހިފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
އޮޑިޓް ރިޕޯޓުން މި އާންމުކުރި 15 ބިލިއަން ރުފިޔާގެ ގެއްލުމަކީ، ކުރިން އަންދާޒާކުރި 5 ބިލިއަން ރުފިޔާއަށްވުރެ ތިން ގުނަ ބޮޑު އަދަދެއްކަން ފާހަގަކޮށްލެވެއެވެ. މި މައްސަލައިގެ ބަހުސްތައް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގައި ވެސް ދަނީ ކުރިއަށްދަމުންނެވެ.
ރިއެކްޝަންސް





