ރާއްޖޭގެ ބޭރުގެ ދަރަނި ދެވަނަ ކުއާޓަރުގައި %18 ދަށްވެއްޖެ

ރާއްޖޭގެ ބޭރުގެ ދަރަނި ދެވަނަ ކުއާޓަރުގައި %18 ދަށްވެއްޖެ

60 minutes ago - 16:04
Advertisement
Advertisement

ދިވެހި ދައުލަތުން ނަގާފައިވާ ބޭރުގެ ދަރަނީގެ ތެރެއިން ދައްކަންޖެހޭ މިންވަރު މިއަހަރުގެ ދެވަނަ ކުއާޓަރު ނިމުނުއިރު، އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު 18 އިންސައްތަ ދަށްވެފައިވާކަން މާލީ ކަންކަމާއި ބެހޭ ވުޒާރާގެ ހިސާބުތަކުން ހާމަވެއްޖެއެވެ. މިއީ ސަރުކާރުން ބޭރުގެ ދަރަނި ދެއްކުމަށް އެއް ކުއާޓަރެއްގެ ތެރޭގައި މިހާތަނަށް ކުރި އެންމެ ބޮޑު ހޭދައާއެކު އައި ބަދަލެކެވެ.


މާލީ ވުޒާރާއިން އާންމުކުރި ދަރަނީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ދެވަނަ ކުއާޓަރުގައި ދައުލަތުގެ ބޭރުގެ ދަރަނި އަދާކުރުމަށް ޖުމްލަ 15.16 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މީގެ ތެރޭގައި ސީދާ ސަރުކާރުގެ ދަރަނި އަދާކުރުމަށް ހޭދަކުރި 8.3 ބިލިއަން ރުފިޔާއާއި، ދައުލަތުން ގެރެންޓީ ދީފައިވާ ދަރަނި އަދާކުރުމަށް ހޭދަކުރި 6.8 ބިލިއަން ރުފިޔާ ހިމެނެއެވެ.


ސީދާ ސަރުކާރުގެ ދަރަންޏަށް ބަލާއިރު، ޕްރިންސިޕަލްގެ ގޮތުގައި 7.8 ބިލިއަން ރުފިޔާ އަދި އިންޓްރެސްޓަށް 516.7 މިލިއަން ރުފިޔާ ދައްކާފައިވެއެވެ. އަދި ގެރެންޓީ ދީފައިވާ ދަރަނީގެ ޕްރިންސިޕަލަށް 6.4 ބިލިއަން ރުފިޔާ އަދި އިންޓްރެސްޓަށް 374 މިލިއަން ރުފިޔާ ވަނީ ދައްކައި ޚަލާޞްކޮށްފައެވެ.


މި ބޮޑު ހޭދައާއެކު ދައުލަތުގެ ޖުމްލަ ބޭރު ދަރަނީގެ ސްޓޮކަށް ވަނީ ބޮޑު ލުޔެއް ލިބިފައެވެ. އެގޮތުން ފުރަތަމަ ކުއާޓަރު ނިމުނުއިރު 62.7 ބިލިއަން ރުފިޔާގައި ހުރި ޖުމްލަ ބޭރު ދަރަނި، ދެވަނަ ކުއާޓަރުގެ ނިޔަލަށް ވަނީ 55.4 ބިލިއަން ރުފިޔާއަށް ތިރިވެފައެވެ. އަދި ސީދާ ސަރުކާރުން ނަގާފައިވާ ދަރަނި 43.2 ބިލިއަން ރުފިޔާއިން 36.8 ބިލިއަން ރުފިޔާއަށް ދަށްވެ، ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބޭރު ދަރަނި ހުރި މިންވަރު ވަނީ %34.8 އިން %29.6 އަށް ދަށްކުރެވިފައެވެ.


މި މުއްދަތުގައި ދެއްކި އެންމެ ބޮޑު ދަރަންޏަކީ 2021 ވަނަ އަހަރު ނަގާފައިވާ 500 މިލިއަން ޑޮލަރުގެ ސުކޫކެވެ. މީގެ އިތުރުން އިންޑިއާ ސަރުކާރުން ނަގާފައިވާ 200 މިލިއަން ޑޮލަރުގެ ދަރަނީގެ ތެރެއިން 50 މިލިއަން ޑޮލަރުވެސް މި ކުއާޓަރުގައި ވަނީ ދައްކައިފައެވެ.


އިޤްތިޞާދީ މާހިރުން ފާހަގަކުރައްވާ ގޮތުގައި ބޭރުގެ ދަރަނި މި މިންވަރަށް ކުޑަކުރެވުމަކީ، ކުރިއަށް އޮތް ތަނުގައި ބޭރު ފައިސާއަށް ސަރުކާރުން ބަރޯސާވާ މިންވަރު ކުޑަވެ، ރާއްޖޭގެ އިޤްތިޞާދުގައި ދައުރުވާ ބޭރު ފައިސާގެ މިންވަރު އިތުރުވެގެންދާނެ ވަރަށް މުހިންމު ކަމެކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement