މުދާ ބޯޑަރަށް އައުމުގެ ކުރިން މައުލޫމާތު ބަދަލުކުރުމަށް ރާއްޖެ ހިމެނޭހެން ސަރަހައްދީ 4 ގައުމަކުން އެއްބަސްވެއްޖެ
މުދާ ބޯޑަރަށް އައުމުގެ ކުރިން ކަސްޓަމްސްގެ މައުލޫމާތު ދުރާލާ ބަދަލުކުރުމުގެ އައު އޮނިގަނޑެއް ގާއިމުކުރުމަށްޓަކައި، ދިވެހިރާއްޖެ ހިމެނޭހެން ސަރަހައްދީ ހަތަރު ގައުމެއްގެ މެދުގައި މެމޮރެންޑަމް އޮފް އިންޓެންޓް (އެމްއޯއައި) އެއްގައި ސޮއިކޮށްފިއެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ހާމަކުރިގޮތުގައި، މި އެއްބަސްވުމުގައި ބައިވެރިވެފައިވަނީ ދިވެހިރާއްޖެ، ބަންގްލަދޭޝް، ބޫޓާން އަދި ނޭޕާލް ސަރުކާރުގެ ކަސްޓަމްސް އިދާރާތަކުންނެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މި މަހުގެ 19 އިން 20 އަށް މާލޭގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ސައުތު އޭޝިއާ ސަބްރީޖަނަލް އިކޮނޮމިކް ކޯޕަރޭޝަން (ސަސެކް) ގެ 14 ވަނަ ކަސްޓަމްސް ގްރޫޕް ބައްދަލުވުމުގެ ތެރެއިންނެވެ.
މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާއެވެ. އަދި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންގެ އިތުރުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ ޕްރިންސިޕަލް ރީޖަނަލް ކޯޕަރޭޝަން ސްޕެޝަލިސްޓް ޑރ. ޔުރެންދުރަ ބަސްނެތެވެ.
ދާޚިލީ ސަލާމަތާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މި އައު އޮނިގަނޑުގެ ދަށުން، މި ހަތަރު ޤައުމުގެ މެދުގައި އެއް ޤައުމުން އަނެއް ޤައުމަށް އެތެރެކޮށް ބޭރުކުރާ މުދާ އުފުލާ އުޅަނދު ބަނދަރުކުރުމުގެ ކުރިން، މުދަލާ ގުޅޭ މުހިންމު މަޢުލޫމާތުތައް ދުރާލާ އެ ޤައުމެއްގެ ކަސްޓަމްސް އިދާރާއާ ހިއްސާކުރެވޭނެ ކަމަށެވެ. މީގެ ސަބަބުން ކަސްޓަމްސްގެ ޤަވާއިދުތަކަށް ޢަމަލުކުރުން ހަރުދަނާވެ، ނުރައްކާތައް ދެނެގަތުމުގެ ނިޒާމު ފުރިހަމަވެގެންދާނެއެވެ. އަދި ބޯޑަރު ސަރަޙައްދުތަކުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުވެ، ކަސްޓަމްސް އިދާރާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށްވެސް ކަސްޓަމްސް އިން މައުލޫމާތު ދެއެވެ.
ކަސްޓަމްސް އިން އިތުރަށް ބުނި ގޮތުގައި މި ނިޒާމުގެ ސަބަބުން ވިޔަފާރިވެރިންނަށާއި އަމިއްލަ ސެކްޓަރަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެއެވެ. އެގޮތުން މުދަލުގެ މަޢުލޫމާތު ކުރިން ލިބުމުން ބޯޑަރުގައި މުދާ ލަސްވުން ކުޑަކުރެވި، ލޮޖިސްޓިކްސް ހަރަދުތައް ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ. ހަމައެއާއެކު، ސަޕްލައި ޗެއިންގެ ރައްކާތެރިކަން ކަށަވަރުވެ، މުދާ ކްލިއަރކުރުމުގެ މަރުހަލާތައް އަވަސްވެ، ސަރަޙައްދީ ވިޔަފާރި އިތުރަށް ފުޅާވެގެންދާނެ ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
ސަރުކާރުން ގަބޫލުކުރާ ގޮތުގައި މި އެއްބަސްވުމަކީ ސަސެކް އޮނިގަނޑުގެ ތެރެއިން ސަރަހައްދީ ގުޅުން ބަދަހިކުރުމަށާއި، ޑިޖިޓަލް ކަސްޓަމްސް ނިޒާމުތައް ތަރައްޤީކޮށް ދެކުނު އޭޝިއާ ސަރަޙައްދުގެ ބޯޑަރުތައް ހަރުދަނާކަމާއެކު ބެލެހެއްޓުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.
ރިއެކްޝަންސް





