މަޖިލީހުގެ ނައިބު ރައީސް ނާޒިމް ވަކިކުރުމުގެ މައްސަލަ މިއަދު ހަވީރަށް ތާވަލުކޮށްފި

މަޖިލީހުގެ ނައިބު ރައީސް ނާޒިމް ވަކިކުރުމުގެ މައްސަލަ މިއަދު ހަވީރަށް ތާވަލުކޮށްފި

15 hours ago - 10:17

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް އެ މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރާ ގުޅިގެން، މަޖިލީހުގެ އާންމު ކޮމިޓީގެ ބައްދަލުވުމެއް މިއަދު ހަވީރު ބޭއްވުމަށް ތާވަލުކޮށްފިއެވެ.


މި މައްސަލައާ ގުޅިގެން ކޮމިޓީ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:00 ޖަހާއިރުއެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށް ގޮތްތަކެއް ނިންމުމަށް ހަމަޖެހިފައިވަނީ، ނާޒިމް މަގާމުން ވަކިކުރުމުގެ ގަރާރަށް މަޖިލީހުގެ ތަޅުމުގައި ބަހުސްކުރާނެ ވަގުތާއި އުސޫލުތަކާ ގުޅޭގޮތުންނެވެ. އެގޮތުން، މި ގަރާރާ މެދު ވާހަކަދައްކަވާނެ މެންބަރުންގެ އަދަދާއި، ކޮންމެ މެންބަރަކަށް ވާހަކަދެއްކުމަށް ލިބޭނެ ވަގުތުގެ އިތުރުން، އެ މައްސަލައިގައި ދިފާއުގައި ވާހަކަދެއްކުމަށް ނާޒިމަށް ލިބިވަޑައިގަންނަވާނެ ފުރުސަތުތަކުގެ އަދަދާއި ވަގުތު ކޮމިޓީން ކަނޑައަޅާނެއެވެ.


މެންބަރު ނާޒިމް މަގާމުން ވަކިކުރުމުގެ ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މަޖިލީހުގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި މައްސަލައަކީ ގާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދެވޭނެ މައްސަލައެކެވެ.


ނާޒިމް މަގާމުން ވަކިކުރުމަށް ނިންމާފައިވަނީ ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުން ބޭއްވި ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމަށްފަހު، އޭނާ ވަކިކުރުމުގެ ގަރާރު ހުށަހެޅުމަށް ބޭނުންވާ މެންބަރުންގެ ސޮއި ވަނީ ހަމަކޮށްފައެވެ. މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް މަގާމުން ވަކިކުރަން ހުށަހެޅޭނީ މަދުވެގެން 24 މެންބަރުންގެ ސޮޔާއެކުގައެވެ. އަދި މަގާމުން ވަކިކުރެވޭނީ ޖަލްސާއަށް ހާޒިރުވެ ވޯޓުދޭ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.


ޖުމްލަ 93 މެންބަރުން ތިއްބަވާ ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ހިންގާ ޕީއެންސީގެ 76 މެންބަރުން ތިއްބަވައެވެ. މިހާރުގެ މަޖިލީހުގެ ރައީސަކީ އަބްދުއްރަހީމް އަބްދުﷲ އެވެ.


އަޙްމަދު ނާޒިމް މަޖިލީހުގެ ނައިބު ރައީސްކަމަށް އިންތިޚާބުކުރީ 28 މޭ 2024 ގައެވެ. އެ ދުވަހު ބޭއްވި އިންތިޚާބުގައި އޭނާ ވަނީ 80 މެންބަރުންގެ ވޯޓު ހޯއްދަވާފައެވެ. ނާޒިމަކީ މީގެ ކުރިން 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow