ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބަދަލުގައި ބެލެނިވެރިންނަށް ފްލެޓަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކެޓަގަރީން ފްލެޓަށް އެދި ހުށަހެޅުމުގައި ބޮޑެތި ލުއިތަކެއް ދީ، އެފަދަ ފަރާތްތަކުގެ ބަދަލުގައި ބެލެނިވެރިންނަށް ފުރުސަތު ހުޅުވާލައިފިއެވެ.
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިއަދު އިއުލާނު ކުރި ގޮތުގައި، އާއިލީ ބޯހިޔާވަހިކަމުގެ ސްކީމަށް ފޯމު ފުރުމަށް އަމިއްލައަށް ދަތިވާ ފަރާތްތަކާއި، 18 އަހަރު ފުރިފައިނުވާ ކުދިންގެ ބަދަލުގައި، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގައި ރަޖިސްޓްރީވެފައިވާ ބެލެނިވެރިޔާއަށް މިހާރު ފްލެޓަށް އެދި ހުށަހެޅޭނެއެވެ.
މި ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާފައިވާއިރު، އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު މުއްދަތަކީ 15 ޖޫން 2026 ވާ ހޯމަ ދުވަހުގެ ރޭގަނޑު 23:59 އެވެ.
މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފޯމު ހުށަހެޅުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ނިންމެވި ނިންމެވުމެކެވެ. މީގެ ކުރިން ވެސް އެ ވުޒާރާއިން ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްކަން ސާބިތުކުރުމަށް އެންސްޕާ ކާޑުގެ ކޮޕީ ހުށަހެޅޭނެ އިންތިޒާމު ހަމަޖައްސައިދީފައެވެ.
އާއިލީ ބޯހިޔާވަހިކަމުގެ ޕްރޮގްރާމަކީ އަމިއްލަ އެއްވެސް ބޯހިޔާވަހިކަމެއް ނެތް އާއިލާތަކަށް އިސްކަންދީގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ޚާއްސަކޮށް ނުކުޅެދުންތެރިކަން ހުރި ފަރާތްތައް ތިބޭ އާއިލާތަކާއި، މުސްކުޅި މައިންބަފައިން ބަލާ އާއިލާތަކުގެ އިތުރުން، އެކަނިވެރި މައިންނާއި ބަފައިންނަށް މި މަޝްރޫޢުގެ ދަށުން އިސްކަންދޭނެ ކަމަށް ބިނާރާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.
ރިއެކްޝަންސް





