ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކެމްޕެއިނަށް ކޮންގްރެސް ޕާޓީގެ އިސް ވަފުދެއް އައްޑޫއަށް
2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށްޓަކައި، ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ އިސް ބޭފުޅުންގެ ވަފުދެއް އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި އެންމެ އިސްކޮށް ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކޮންގްރެސް ޕާޓީގެ ޗެއަރޕާސަން އަބްދުއްރަހީމް އަބްދުالله އެވެ. އަބްދުއްރަހީމްގެ އަރިހުގައި ކުޅިވަރާއި ޒުވާނުން ބާރުވެރިކުރުވުމާ ބެހޭ ވަޒީރު އަބްދުالله ރާފިއުއާއި، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމްގެ އިތުރުން ވިލިމާލެ ދާއިރާގެ މަޖިލީސް މެންބަރު މުޙައްމަދު އިސްމާއީލް ބައިވެރިވެވަޑައިގަންނަވައެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ވާދަކުރައްވަނީ ހިތަދޫ މޫލެކެޑެ ދާއިރާގެ ކުރީގެ ކައުންސިލަރު އަހްމަދު ސައީދު އެވެ. ކޮންގްރެސްގެ ވަފުދުން އައްޑޫއަށް ކުރާ މި ދަތުރުފުޅަކީ އަހްމަދު ސައީދަށް ތާއީދު ހޯދުމަށާއި، ދާއިރާގެ ރައްޔިތުންނާ ބައްދަލުކޮށް ކެމްޕެއިން ހަރަކާތްތައް ވަރުގަދަކުރުމަށް ކުރާ ދަތުރުފުޅެކެވެ.
އިލެކްޝަންސް ކޮމިޝަނުން މިހާރު ނިންމާފައިވާ ގޮތުގައި، ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އޮންނާނީ އަންނަ ޖޫން މަހުގެ ހަ ވަނަ ދުވަހު އެވެ. މި އިންތިޚާބަކީ ސަރުކާރު ކޯލިޝަނަށާއި އިދިކޮޅު ފަރާތްތަކަށްވެސް ނުހަނު މުހިންމު އިންތިޚާބަކަށް ވާއިރު، ކޮންގްރެސް ޕާޓީން އަންނަނީ މި ގޮނޑި ކާމިޔާބު ކުރުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަމުންނެވެ.
ރިއެކްޝަންސް

