އިނގިރޭސިވިލާތުން ޓެރިފް ކަނޑާލުމަކީ މަސްވެރިކަމުގެ ސިނާއަތަށް ލިބުނު ތާރީޚީ ކުރިއެރުމެއް: ރައީސް
ރާއްޖެއިން އިނގިރޭސިވިލާތަށް ބޭރުކުރާ ކަނޑުމަހުގެ ބާވަތްތަކުން ނަގަމުން އައި ޓެރިފް މިއަދުން ފެށިގެން ކަނޑާލުމަށް އިނގިރޭސި ސަރުކާރުން ނިންމި ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
މި ނިންމުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ލިބިގެންދިޔަ ނުހަނު މުހިންމު ކުރިއެރުމެއް ކަމަށެވެ. އަދި މިއީ އިނގިރޭސިވިލާތުގެ ބާޒާރުގައި ދިވެހި މަހުގެ ބާވަތްތަކަށް އޮތް ފުރުސަތުތައް ފުޅާވެ، އެ ޤައުމުގެ ކަސްޓަމަރުންނަށްވެސް ލިބިގެންދާނެ ބޮޑު ލުޔެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖެއިން އިނގިރޭސިވިލާތަށް ބޭރުކުރާ މަހުގެ ޓެރިފް ކަނޑާލުމަކީ ވޭތުވެދިޔަ 12 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި އެކި ސަރުކާރުތަކުން ވަރަށް ބޮޑަށް ބާރުއަޅައި، މަސައްކަތް ކުރަމުން އައި ކަމެކެވެ. ރައީސް މުޢިއްޒުގެ ސަރުކާރުން މިކަމަށް ދެއްވި އިސްކަމާއެކު، މިއަދު މިވަނީ މި ތާރީޚީ ލަނޑުދަނޑި ހާސިލުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި، މި ނިންމުމުގެ ސަބަބުން ދިވެހި މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުވެ، ރަށްރަށުގެ އިޤްތިސާދީ އަދި އިޖުތިމާއީ ދިރިއުޅުމުގެ ހާލަތު ރަނގަޅުވެގެންދާނެއެވެ. ދިވެހިރާއްޖެއަކީ ދެމެހެއްޓެނިވި އަދި ޒިންމާދާރު ގޮތެއްގައި ދޮށީގެ މަސްވެރިކަން ކުރާ، ދުނިޔޭގެ ނަމޫނާ ޤައުމެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އިނގިރޭސިވިލާތުގެ ބާޒާރުގައި ދިވެހި މަހަށް މިހާރު އިތުރު މަޤުބޫލުކަމެއް ލިބޭނެ ކަމަށެވެ.
މީގެ އިތުރުން، މި ކުރިއެރުމަކީ ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް ބަދަހި ގުޅުމުގެ ހެއްކެއް ކަމަށާއި، މިއީ ދެމެހެއްޓެނިވި ވިޔަފާރިއާއި އިޤްތިސާދީ ތަރައްޤީއަށް ދެ ޤައުމުން ދޭ އަހައްމިއްޔަތު ރަމްޒުކޮށްދޭ ކަމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މި ތާރީޚީ ކާމިޔާބީއަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިނގިރޭސި ސަރުކާރަށާއި، މި މަސައްކަތުގައި އެކި ގޮތްގޮތުން އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. ސަރުކާރުގެ އަމާޒަކީ ދިވެހި މަސްވެރިން ބާނާ މަހަށް ބައިނަލްއަޤްވާމީ ބާޒާރުގައި އެންމެ އެދެވޭ އަގު ހޯދައިދިނުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރިއެކްޝަންސް

