ސަރުކާރުގެ ޚިދުމަތްތައް ހަރުދަނާކުރުމަށް އޭއައި ބޭނުންކުރާނެ ގޮތްތައް ހޯދުމަށް "ކޯ.ލެބް 26 ހެކަތަން" ފަށައިފި

ސަރުކާރުގެ ޚިދުމަތްތައް ހަރުދަނާކުރުމަށް އޭއައި ބޭނުންކުރާނެ ގޮތްތައް ހޯދުމަށް "ކޯ.ލެބް 26 ހެކަތަން" ފަށައިފި

12 hours ago - 08:10
Advertisement
Advertisement

ސަރުކާރުގެ އިދާރާތަކުން ދޭ ޚިދުމަތްތައް ހަރުދަނާކުރުމަށްޓަކައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރާނެ ދާއިރާތައް ކަނޑައަޅައި، އޭގެ އަމަލީ ނަތީޖާ ނެރުމަށް ބާއްވާ "ކޯ.ލެބް 26 ހެކަތަން" ރަސްމީކޮށް ފަށައިފިއެވެ.


މި މަހުގެ 18 އިން 21 އަށް ހޮޓެލް ޖެންގައި ކުރިއަށްދާ މި ގައުމީ ހަރަކާތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ "މޯލްޑިވްސް 2.0" ޑިޖިޓަލް އެޖެންޑާގެ ދަށުން، ރާއްޖޭގައި އޭއައިގެ ބޭނުން ހިފައިގެން ދައުލަތުގެ ހިންގުން ހަރުދަނާކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މައިންޑްކޯ އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގުޅިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ތެރެއިން މިހާރު ވަނީ "މޯލްޑިވްސް އޭއައި ލެބް" ގެ ނަމުގައި ނޭޝަނަލް އޭއައި އެންޑް ޑޭޓާ ކޮމްޕިޓެންސީ ސެންޓަރެއް ވެސް ރަސްމީކޮށް އިފްތިތާޙުކޮށްފައެވެ.


މިއަދާއި މާދަމާ ކުރިއަށްދާ މި ހެކަތަންގައި ޑިވެލޮޕަރުންނާއި، ފަންނީ މާހިރުން އަދި އީޖާދީ ސްޓާޓްއަޕްތައް ގުޅިގެން މަސައްކަތް ކުރާނެއެވެ. މި ޓީމުތަކުގެ މައިގަނޑު އަމާޒަކީ ސަރުކާރުގެ ވުޒާރާތަކުން އިސްކަންދީފައިވާ ސިއްހީ، މާލީ، ފަތުރުވެރިކަން އަދި ތައުލީމީ ދާއިރާގެ ޔޫސް-ކޭސްތަކަށް ބޭނުންވާ ޕްރޮޓޯޓައިޕްތައް ފަރުމާކޮށް، ގައުމީ ފެންވަރުގެ ގޮންޖެހުންތަކަށް އޭއައި މެދުވެރިކޮށް އަމަލީ ހައްލުތަކެއް ހޯދުމެވެ.


މި ހަރަކާތުގެ ފުރަތަމަ ދެ ދުވަހު ވަނީ އޭއައިގެ ދުނިޔޭގެ މަސްރަހާއި ރާއްޖޭގެ ތައްޔާރީތަކާ ގުޅޭގޮތުން ބައިވެރިންނަށް މައުލޫމާތު ދީފައެވެ. އަދި ދެވަނަ ދުވަހު ސަރުކާރުގެ 5 ވުޒާރާއަކުން ވަނީ ކުރިއަށް އޮތް 6 މަހާއި 12 މަސްދުވަހުގެ ތެރޭގައި އޭއައި ސޮލިއުޝަން ފަރުމާކުރުމަށް ޖުމްލަ 16 ޔޫސް-ކޭސްއެއް ހުށަހަޅާފައެވެ.


މައިންޑްކޯ އިން މައުލޫމާތުދޭ ގޮތުގައި، މި މަސައްކަތުގައި އާންމުންގެ ހިޔާލާއި ބައިވެރިވުން ހޯދުމަށްޓަކައި، ހުށަހެޅުނު ޔޫސް-ކޭސްތަކަށް ވޯޓުލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. މި ވޯޓުލުން މި މަހުގެ 26 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެއެވެ.


ސަރުކާރުގެ މައިގަނޑު އަމާޒަކީ މިފަދަ ޒަމާނީ އީޖާދުތަކުގެ އެހީގައި ދައުލަތުގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު އާ ހަރުފަތަކަށް ގެންދިއުމެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement