
"އަހާ" ފޯރަމް: ސިލްސިލާގެ މިއަހަރުގެ ފުރަތަމަ ފޯރަމް މިރޭ އޮންނާނެ
މިރޭގެ ފޯރަމުގައި ފަސް ވަޒީރުން ބައިވެރިވެ ވަޑައިގަންނަވާނެ
ސަރުކާރުގެ މަސައްކަތްތަކާބެހޭ މަޢުލޫމާތު ހިއްސާކޮށް، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދިނުމަށް ބާއްވާ "އަހާ" ފޯރަމް މިރޭ 21:00 ގައި އޮންނާނެއެވެ.
މި ފޯރަމްގައި ފަސް ވަޒީރުން ބައިވެރިވެ ވަޑައިގެން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވާނެއެވެ.
މިރޭގެ ފޯރަމުގައި ބައިވެރިވެ ވަޑައި ގަންނަވާނީ
- އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވިޔަފާރިއާ ބެހޭ ވުޒާރާގެ ވަޒީރު، މުޙައްމަދު ސަޢީދު
- ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވުޒާރާގެ ވަޒީރު، ޠާރިޤު އިބްރާހިމް
- އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
- މަތީ ތަޢުލީމާ މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ވަޒީރު، ޑރ. ޢަލީ ހައިދަރު އަޙުމަދު
- އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު، ޑރ. އައިޝަތު ޝިހާމް
ދެ ގަޑިއިރަށް ކުރިއަށްގެންދާ މި ފޯރަމްގައި އާންމުންނަށް ސުވާލުކުރުމުގެ ފުރުޞަތު އޮންނާނެއެވެ. ސުވާލުކުރެވޭނީ ފޯރަމް އޮންނަ ތަނަށް ގޮސްގެންނާއި، ފޯނުން، އެސްއެމްއެސްއިން އަދި ސޯޝަލް މީޑިއާ މެދުވެރިކޮށެވެ.
މި ފޯރަމަށް ސުވާލު ފޮނުވުމަށް އެސް.އެމް.އެސް ކުރަންޖެހެނީ AH ޖައްސެވުމަށްފަހު ހުސްތަންކޮޅެއް ދޫކުރެއްވުމަށްފަހު، ކުރަން ބޭނުންވާ ސުވާލު ލިޔުއްވުމަށްފަހު 300 އަކަށެވެ.
މިއީ "އަހާ" ސިލްސިލާގެ ހަތަރުވަނަ ފޯރަމެވެ. މި ފޯރަމްތަކަކީ ސަރުކާރުގެ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންނަށް މަޢުލޫމާތު ދިނުމާއި، ރައްޔިތުންގެ ސުވާލުތަކަށް ސީދާ ވަޒީރުން ޖަވާބު ދިނުމަށް ބާއްވާ ހަރަކާތްތަކެކެވެ.
ވަޒީރުން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް މިފަދަ ފޯރަމެއް ބާއްވާއިރު ސީދާ ރައީސުލްޖުމުހޫރިއްޔާ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ވެސް ސަރުކާރުން ގެންދަވަނީ ޕްރޮގްރާމުތަކެއް ހިންގަވަމުންނެވެ.
ރިއެކްޝަންސް






