
ބްރައިޓަން އަތުން ޗެލްސީ ބޮޑު ތަފާތަކުން ބަލިވެއްޖެ
ހަފްތާއެއްގެ ތެރޭގައި ބުރައިޓަން އިން މިވަނީ ޗެލްސީ ދެ ވަނަ ފަހަރަށް ބަލިކޮށްފައި
އިނގިރޭސި ޕްރެމިއާލީގުގައި ރޭ ކުޅުނު މެޗުން ބްރައިޓަން އަތުން 3-0 ގެ ބޮޑު ނަތީޖާއަކުން ޗެލްސީ ބަލިވެއްޖެއެވެ.
ރޭގެ މެޗުން ޗެލްސީ ބަލިވެފައިވާއިރު، މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހުގެރޭ ވެސް ޗެލްސީ ވަނީ ބްރައިޓަން އަތުން ބަލިވެ، އިނގިރޭސި އެފްއޭކަޕުން ކަޓާފައެވެ. އެމެޗުން ޗެލްސީ ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ.
ރޭގެ މިކާމިޔާބާއި އެކު ބްރައިޓަން ވަނީ ލީގު ތާވަލުގެ އަށްވަނައަށް ޖެހިލައިފައެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީ އިން ބޯޅަ ހިފަހައްޓައިގެން ގިނަވގުތު ކުޅުނު ނަމަވެސް، ބްރައިޓަންގެ ގޯލަށް އެއްވެސް ހަމަލާއެއް ފޮނުވާލެވިފައެއް ނުވެއެވެ. މެޗުގެ ބްރައިޓަންގެ ފުރަތަމަ ލަނޑު 27 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކައޯރު މިޓޯމާއެވެ. އަދި މިހާފުގައި މެޗުގެ 38 ވަނަ މިނެޓުގައި ޔަންކުބާ މިންޓޭ ވަނީ އެޓީމުގެ 2 ވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.
މެޗުގެ ފުރަތަމަ ހާފާއި ޚިލާފަށް ދެވަނަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓާ ރަނގަޅަށް ކުޅެފައި ވަނީ ބްރައިޓަންގެ ކުޅުންތެރިންނެވެ. ނަތީޖާއަކަށް ވެގެން ދިޔައީ މެޗުގެ 63 ވަނަ މިނެޓުގައި މިންޓޭ އިތުރު ލަނޑެއް ކާމިޔާބުގެ ކޮށް މެޗުގެ ނަތީޖާ 3-0 އަށް ބަދަލުވެގެން ދިއުމެވެ.
ރޭގެ މި މެޗަށްފަހު ޕޮއިންޓް ތާވަލަށް ބަލާއިރު ޗެލްސީ އޮތީ ތާވަލުގެ އެންމެ ކުރީގައި އޮތް ތިން ޓީމަށްވުރެ އިތުރަށް އެއް މެޗުކުޅެގެން ލިބުނު 43 ޕޮއިންޓާއި އެކު ތާވަލުގެ 4 ވަނާގައެވެ. ތިން ވަނާގައި 47 ޕޮއިންޓާއިއެކު ނޮޓިންހަމް ފޮރެސްޓު އޮތްއިރު އާސެނަލް 2 ވަނާގައި އޮތީ 50 ޕޮއިންޓާއި އެކުގައެވެ. އަދި އެއްވަނާގައިވާ ލިވަޕޫލަށް 57 ޕޮއިންޓް ލިބިފައިވެއެވެ.
މިއަދާއި މިރޭވެސް އިނގިރޭސި ޕްރެމިއާ ލީގުގެ މެޗުތަކެއް ކުޅޭނެއެވެ.
ރިއެކްޝަންސް






