
މިދުވަސްވަރު ރާއްޖޭގެ ވައި ނުސާފުވާނަމަ ފަތުރުވެރިކަމަށް އަސަރުކުރާނެ: ކުރީގެ ރައީސް ނަޝީދު
ކޮންމެ އަހަރެއްގެވެސް ފެށޭކޮޅު ރާއްޖޭގެ ވައި ވަރަށް ބޮޑަށް ނުސާފުވެގެން ދޭ
ރާއްޖޭގެ ޓޫރިޒަމްގެ ޕީކް ސީޒަން ދިމާވާ މި ދުވަސްވަރު، ވައި ނުސާފުވުމުގެ މައްސަލަ ރާއްޖެއަށް ދިމާވާތީ، އެކަމުގެ އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާނެކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، މިކަން އަބަދު މެދުވެރިވާނަމަ ފަތުރުވެރިކަމަށް ނޭދެވޭ އަސަރުތަކެއް ކުރާނެކަން ޔަގީންވާ ކަމަށެވެ.
އާންމު ގޮތެއްގައި ޖެނުއަރީން ފެށިގެން، ނުވަތަ އިރުވައި މޫސުން ފެށުމާއެކު ރާއްޖެއަށް ވައި ނުސާފުވުމުގެ މައްސަލަ މެދުވެރިވެއެވެ. މިދިޔަ ހަފުތާ ތެރޭ މާލެ ސަރަހައްދުގައި ސިއްހަތަށް ނުރައްކާ މިންވަރަށް ވަނީ ވައި ނުސާފުވެފައެވެ.
ނަމަވެސް ވައި ނުސާފުވާ ހުރިހާ ތަޣައްޔަރުކަމެއް ރާއްޖޭގެ ސަރަހައްދަށް އަންނަނީ އެހެން ގައުމުތަކުން ކަމަށާއި މި މައްސަލަ ހައްލުކުރުމަށް ގައުމުތަކުން މަސައްކަތް ކުރަންޖެހޭކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
މޫސުމީ މައްސަލަތައް ރާއްޖެއަށް ކުރިމަތިވާ މިންވަރު އިތުރުވަމުން އަންނަކަން ފާހަގަވާން ފަށައިފައިވާއިރު، ސަރުކާރުން ވެސް އެކަމާ ދެކޮޅަށް ފިޔަވަޅުތައް އެޅުމަށް އެކި ބައިނަލްއަގްވާމީ ޖަމިއްޔާތަކާއި، ގައުމުތަކުގެ އެހީ ބޭނުންވާކަމަށް އަންނަނީ ބުނަމުންނެވެ.
ރާއްޖޭގެ ފަރާތުން ބައިވެރިވަމުން އަންނަ ބައިނަލް އަގުވާމީ ގިނަ ބައްދަލުވުންތަކާއި ފޯރަމުތަކުގައި، ރާއްޖެއިން އެންމެ ބޮޑަށް ވަކާލާތުކޮށް އަޑު އުލަމުންދާ އެއްކަމަކީ ވެސް ރާއްޖޭގެ ތިމާވެށީގެ މައްސަލައެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވާއިރު މިވަގުތު އެމަނިކުފާނު ހުންނެވީ ކްލައިމެޓް ވަލްނެރެބެލިޓީ ފޯރަމް (ސީވީއެފް)ގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމުގައެވެ.
ރިއެކްޝަންސް






