ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢު: ވެސްޓްޕާކް ސަރަޙައްދުގައި ފެންހިންދާ ވަޅުތަކުގެ މަސައްކަތް ފަށައިފި
މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ތިންވަނަ ފިޔަވަހީގެ ދަށުން، ވެސްޓްޕާކް ސަރަޙައްދުގައި ފެން ހިންދާ ނިޒާމުގެ ސްޓޯމްވޯޓާ ވަޅުތަކުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ފަށާފައިވާ މި މަޝްރޫޢަކީ، ވިއްސާރަ މޫސުމުގައި މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. އެމްޓީސީސީއިން ފާހަގަކުރާ ގޮތުގައި، ވެސްޓްޕާކް ސަރަޙައްދުގައި މިހާރު ފަށާފައިވާ ފެންހިންދާ ވަޅުތަކުގެ މަސައްކަތަކީ މަގު ހެދުމުގެ ޢަމަލީ މަސައްކަތް ފެށުމުގެ ކުރިން ބިމުގެ އަޑީގައި ޤާއިމުކުރަންޖެހޭ ޒަމާނީ ފެންހިންދާ ނިޒާމުގެ އެންމެ މުހިންމު އެއް ބައެވެ.
މި މަޝްރޫޢާ ގުޅޭގޮތުން އެމްޓީސީސީން މަޢުލޫމާތު ދޭގޮތުގައި، ފެންވަރު ރަނގަޅު މަގުތަކެއް ތަރައްޤީކުރުމަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށާއި މަގު ބޭނުންކުރާ ފަރާތްތަކަށް ދަތުރުފަތުރު ކުރުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމެކެވެ. މީގެއިތުރުން، މި މަސައްކަތް ނިމުމުން މާލޭގެ އެއް ސަރަޙައްދުން އަނެއް ސަރަޙައްދަށް ފަސޭހަކަމާއެކު ގުޅުވައިދީ، ޓްރެފިކް ބާރުބޮޑުވުމަށް ބޮޑު ލުޔެއް ލިބި، މާލޭގެ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ދެ ފިޔަވަހީގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމައި، މިހާރު ވަނީ އާންމުންނަށް ބޭނުންކުރުމަށް ހުޅުވާލާފައެވެ. އެ ސަރަޙައްދުތަކުގެ މަސައްކަތް ނިމި ހުޅުވާލުމާއެކު، އާންމު ދަތުރުފަތުރަށާއި މަގު ބޭނުންކުރާ ފަރާތްތަކަށް ވަނީ ބޮޑު ލުއިފަސޭހަކަމެއް ލިބިގެން ގޮސްފައެވެ.
ރިއެކްޝަންސް





