ވެން ނިސްޓެލްރޫއިގެ ފަހު މެޗުންވެސް ޔުނައިޓަޑް މޮޅު, އާސެނަލް އާއި ޗެލްސީ އެއްވަރު
އާދިއްތަ ދުވަހު ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ޔުނައިޓަޑްއިން 3-0 ން ލެސްޓަރ ސިޓީ ބަލިކޮށްފިއެވެ. މިއީ ވަގުތީ ކޯޗު, ރޫޑް ވެން ނިސްޓެލްރޫއިގެ އިރުޝާދުގެ ދަށުން ޔުނައިޓަޑް ކުޅުނު ފަހު މެޗެވެ. ލީގުގައި ޗެލްސީ އާއި އާސެނަލް ވާދަކުރި މެޗު 1-1 ން ވީ އެއްވަރެވެ. އަދި އިޕްސްވިޗް ޓައުންއިން ޓޮޓްނަމް ބަލިކޮށް, ސީޒަންގައި އެމީހުންގެ ފުރަތަމަ މޮޅު ވަނީ ހޯދާފައެވެ.
މެޗުގައި ބްރޫނޯ ފެނާންޑޭސް ވިދާލާފައިވާއިރު, މިއީ އޭނާ ޔުނައިޓަޑަށް ކުޅެދިން 205 ވަނަ މެޗެވެ. 17 ވަނަ މިނިޓްގައި ފުރަތަމަ ގޯލް ކާމިޔާބުކޮށް ލީޑު ނަގައިދިން ބުރޫނޯ ވަނީ ޔުނައިޓަޑްގެ ތިންވަނަ ގޯލް ކާމިޔާބުކުރުމުގައިވެސް އެހީތެރިވެފައެވެ. މެޗު ފެށުމުގެ ކުރިން ކަލްބުގެ ފަރާތުން ވަނީ ބްރޫނޯއަށް 250 ޖަހާފައިވާ ޖަރޒީ އަދި އޭނާގެ ކާމިޔާބީތައް ފެންނަ ފޮޓޯއާއެކު ފްރޭމްކޮށް ހަދިޔާކޮށްފައެވެ.
ޔުނައިޓަޑްގެ ދެވަނަ ގޯލަކީ ލެސްޓަރ ސިޓީގެ ޑިފެންޑަރު ވިކްޓަރ ކްރިސްޓިއަންސެން އަތުން ބައިކޮޅަށް ވަން ގޯލެކެވެ. 82 ވަނަ މިނިޓްގައި ޔުނައިޓަޑްގެ ތިންވަނަ ގޯލް ކާމިޔާބުކޮށްދިނީ އަލްހެންޑްރޯ ގަނާޗޯއެވެ.
ނޮވެމްބަރު 11 ވަނަ ދުވަހު ޔުނައިޓަޑާ ރުބެން އަމޯރިމް ހަވާލުވާއިރު ޔުނައިޓަޑް ނިސްޓެލްރޫއިގެ ދަށުން އަންނަނީ ރަނގަޅު ފައްތަރަކަށް ބަދަލުވަމުންނެވެ. ނިސްޓެލްރޫއި އަދި ކުޅުންތެރިންވެސް އޭނާ ކްލަބުގައި މަޑުކުރުމަށް އެދުނު ނަމަވެސް ޔުނައިޓަޑްގެ ނިންމުމަށް އޭނާ އަދި ކުޅުންތެރިންވެސް އިޙްތިރާމްކުރާނެ ކަމަށް ވަނީ ބުނެފައެވެ. ނިސްޓެލްރޫއިގެ އިރުޝާދުގެ ދަށުން ކުޅުނު ހަތަރު މެޗުގެ ތެރެއިން އެއްވެސް މެޗަކުން ޔުނައިޓަޑް ބަލިވެފައެއް ނުވެއެވެ.
ލީގުގައި އާސެނަލް އާއި ޗެލްސީގެ ގަދަހިފުން 1-1 ން ވަނީ އެއްވަރުވެފައެވެ. ދެޓީމުގެ ފަރާތުންވެސް ފެނިގެން ގޮސްފައިވަނީ ވާދަވެރި ކުޅުމެކެވެ. 32 ވަނަ މިނިޓްގައި ކައި ހަވާޓްޒް ގޯލެއް ކާމިޔާބުކުރިނަމަވެސް ވީއޭއާރުން ވަނީ އޮފްސައިޑް ގޯލެއް ކަމަށް ނިންމާފައެވެ. މެޗުގައި ކައި ހަވާޓްޒްއަށް ލިބުނު އަނިޔާ އަކާ ގުޅިގެން މޫނުން ވަރަށް ބޮޑަށް ލޭއޮރެމުން ދިޔަ އިރުވެސް އޭނާ ދަނޑުން ފޭބުމަށް ދެކޮޅުހެދުމުން ރެފްރީވަނީ އޭނާ އަށް ރީނދޫ ކާޑެއްވެސް ދައްކާފައެވެ.
މެޗުގެ 60 ވަނަ މިނިޓްގައި ގޯލް ޖަހާ ލީޑުނެގީ އާސެނަލްއިންނެވެ. ގެބްރިއެލް މާޓިނެއްލީ އަށް ގޯލްޖެގުމުގައި އެހީތެރިވީ މާޓިން އޮޑެގާޑްއެވެ. ނަމަވެސް އޭގެ ބަރާބަރު ދިހަ މިނިޓް ފަހުން ގޯލެއް ކާމިޔާބުކޮށް ޗެލްސީން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. ޗެލްސީގެ ގޯލް 70 ވަނަ މިނިޓްގައި ކާމިޔާބުކުރީ ޕެޑްރޯ ނޭޓޯ އެވެ. އޭނާއަށް ފުރުޞަތު ތަނަވަސްކޮށްދިނީ އެންޒޯ ފެނާންޑޭޒްއެވެ.
ސީޒަންގެ ފުރަތަމަ މޮޅޮ އިޕްސްވިޗް ޓައުންއިން ހޯދީ 2-1 ން ޓޮޓްނަމް ބަލިކޮށްގެންނެވެ. ސައްމީ ޒްމޯޑިސް އަދި ލިއަމް ޑެލްޕަގެ ގޯލާއެކު މޮޅުވެ އާދިއްތަ ދުވަހު އިޕްސްވިޗް ވަނީ ރެލިގޭޝަން ޒޯނުން ސަލާމަތްވެފައެވެ. އިޕްސްވިވްގެ ދެ ގޯލްވެސް ކާޏިޔާބުކޮށްފައި ވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ. ޓޮޓްނަމްއިން ޑޮމިނިކް ސޮލާންކޭ 49 ވަނަ މިނިޓްގައި ގޯލެއް ކާމިޔާބުކުރި ނަމަވެސް ވީއޭއާރުންވަނީ ގޯލެއްނޫން ކަމަށް ކަނޑައަޅާފައެވެ.
ރިއެކްޝަންސް