މޫސުން ގޯސްވެ މެދު ރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ޔެލޯ އެލަރޓް ނެރެފި
މޫސުން ގޯސްވެ ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް، މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ރީނދޫ ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން މިއަދު ރީނދޫ ސަމާލު ނެރެފައިވަނީ ނޫނު އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމައަށެވެ. މި ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 6:30 އިން ފެށިގެން ހެނދުނު 10:00 އާ ހަމައަށެވެ. މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، މި ވަގުތުތަކުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވެއެވެ.
މުޅި ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު، މެދުރާއްޖެތެރެއާއި އުތުރުގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވިދާޅުވެފައިވެއެވެ. މީގެ އިތުރުން، ދެކުނުގެ ރަށްތަކަށްވެސް ކެރީގެ އަސަރު ފޯރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މި ދުވަސްވަރަކީ ހުޅަނގު މޫސުމުގެ ދުވަސްވަރު ކަމަށްވުމާއެކު، ދޭތެރެ ދޭތެރެއިން ބޯކޮށް ވާރޭވެހި، ކަނޑުގަދަވެފައި ވައިގަދަވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ. އެހެންކަމުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސް ކުރެއެވެ.
ރިއެކްޝަންސް





