ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް އަލީ ނަސީރު ގާސިމް އައްޔަންކުރައްވައިފި
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރުކަމަށް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ މެންބަރެއްގެ ހައިސިއްޔަތުން އަލްއުސްތާޛު ޢަލީ ނަޞީރު ޤާސިމް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އައްޔަންކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި، އަލްއުސްތާޛު ޢަލީ ނަޞީރު ޤާސިމް ވަނީ ކޮމިޝަންގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިޤްރާރުގައި ސޮއިކުރައްވާފައެވެ. އޭނާއަށް ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިނެވެ. ހުވާކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ މެންބަރުކަމަށް އައްޔަންކުރެއްވިކަމުގެ ލިޔުން އޭނާއާ ހަވާލުކުރައްވާފައެވެ.
ދަފްތަރު ނަންބަރު ރސ 535، އަލްއުސްތާޛު ޢަލީ ނަޞީރު ޤާސިމް މި މަޤާމަށް އައްޔަންކުރެއްވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (އ) އާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ 8 ވަނަ ނަންބަރުގައިވާ ގޮތުގެ މަތީންނެވެ.
މި އައްޔަންކުރެއްވުމަކީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މަސައްކަތްތައް ހަރުދަނާކޮށް، ޝަރުޢީ ދާއިރާގެ ކަންކަން ބެލެހެއްޓުމުގައި ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ތަމްސީލުކުރައްވާ މެންބަރުގެ ދައުރު އަދާކުރެއްވުމަށްޓަކައި ނިންމެވި ނިންމެވުމެކެވެ.
ރިއެކްޝަންސް





