އިންޑިއާއާއެކު ވެފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ ދައްކައި ހަލާސްކޮށްފި
ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން އިންޑިއާގެ ރިޒާވް ބޭންކާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ނަގާފައިވާ 400 މިލިއަން އެމެރިކާ ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ ދައްކައި މިއަދު އެއްކޮށް ޚަލާސްކޮށްފިއެވެ.
މި ފެސިލިޓީއަކީ ސާކް ގައުމުތަކަށް ކަނޑައަޅާފައިވާ 'ފްރޭމްވޯކް އޮން ކަރަންސީ ސްވޮޕް އެރޭންޖްމަންޓް' ގެ ދަށުން ޔޫއެސް ޑޮލަރު އަދި ޔޫރޯ ވިންޑޯ މެދުވެރިކޮށް 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހަމަޖެއްސި ފައިސާއެވެ. ސަރުކާރުން ހާމަކުރި ގޮތުގައި، މި ފައިސާ އަނބުރާ ދެއްކުމަކީ ރާއްޖޭގެ މާލީ ހާލަތު ކުރިއަށްވުރެ ބޮޑަށް ރަނގަޅުވަމުންދާކަމުގެ މުހިންމު ނިޝާނެކެވެ.
މި ފައިސާ ދައްކައި ނިމުމާ އެކު، އިންޑިއާ ސަރުކާރުން ރާއްޖެއަށް އިތުރު ބޮޑު އެހީއެއް ދިނުމަށް ނިންމިކަންވެސް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން ވަނީ ހާމަކޮށްފައެވެ. އެގޮތުން، އެއިރު ގާއިމުކުރެވުނު އެއްބަސްވުމުގައި ހިމެނޭ އިންޑިއާ ރުޕީސްގެ ކަރަންސީ ސްވޮޕް ފެސިލިޓީގެ ދަށުން ފުރަތަމަ ފަހަރަށް ރާއްޖެއިން ވަނީ ފައިސާ ނަގާފައެވެ.
ސަރުކާރުން މައުލޫމާތު ދޭ ގޮތުގައި، މި 30 ބިލިއަން ރޫޕީގެ އެހީގެ ސަބަބުން މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެދާނެ ލޮޅުންތަކުން ސަލާމަތްވުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ. އަދި މި ފެސިލިޓީގެ އުސޫލުތައް ކުރިއަށްވުރެ ލުއި ފަސޭހަވެފައިވާކަންވެސް ސަރުކާރުން ފާހަގަކުރެއެވެ.
މީގެ އިތުރުން، 2019 ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސް.ބީ.އައި) މެދުވެރިކޮށް ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލް ބަޖެޓަރީ ސަޕޯޓްގެ ތެރެއިން، މިހާތަނަށް 50 މިލިއަން ޑޮލަރު އަނބުރާ ދައްކާފައިވާކަންވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
އިންޑިއާ ސަރުކާރުން ގެންގުޅޭ 'ނެއިބަހުޑް ފަސްޓް' ނުވަތަ އަވަށްޓެރިންނަށް އިސްކަންދިނުމުގެ ސިޔާސަތުގެ ދަށުން ރާއްޖެއަށް މި ފޯރުކޮށްދޭ އެހީތެރިކަމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ރަހުމަތްތެރިކަމުގެ ރަމްޒެއް ކަމަށް ދިވެހި ސަރުކާރުން ދެކެއެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ހަރުދަނާވެ، ބޭރު ފައިސާގެ ރިޒާވް ވަރުގަދަވެގެންދާނެ ކަމަށް ބެލެވެއެވެ.
ރިއެކްޝަންސް

