މަސްވެރިންގެ ލޯނުތައް ދެއްކުމުގައި ލުއިގޮތްތަކެއް ހޯދައިދޭންޖެހޭ: މެންބަރު އިއްބެ

މަސްވެރިންގެ ލޯނުތައް ދެއްކުމުގައި ލުއިގޮތްތަކެއް ހޯދައިދޭންޖެހޭ: މެންބަރު އިއްބެ

3 hours ago - 15:27

މަސްވެރިންނަށް ފަހި ފުރުސަތުތައް ހޯދައިދީ، މަސްވެރިން ނަގާފައިވާ ބޮޑެތި ލޯނުތައް ދެއްކުމުގައި ފަސޭހަ ގޮތްތަކެއް ފަހިކޮށްދޭން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސެއިން (އިއްބެ) ވިދާޅުވެއްޖެއެވެ.


މެންބަރު އިއްބެ މިހެން ވިދާޅުވީ، ސަރުކާރުގެ ފަރާތުން ތިނަދޫ ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު އަލްސަން އަހުމަދު މަޖިލީހަށް ހުށަހެޅުއްވި މަސްވެރިކަމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުންނެވެ.


މި ބިލަށް ބަހުސްކުރައްވަމުން އިއްބެ ވިދާޅުވީ، މަސްވެރިކަން ކުރާ ވައްޓާފާޅި މިއަދު ބަދަލުވެފައިވާ ކަމަށާއި، މަސްވެރިންނަށް ރަނގަޅު ގޮތްތައް ހޯދައިދޭން ޖެހޭ ކަމަށެވެ. ވަކިން ހާއްސަކޮށް، މަސްވެރިން ނަގާފައިވާ ބޮޑެތި ލޯނުތައް ނުދެއްކި، އެކަމުގެ ސަބަބުން މަސްވެރިންނަށް ނަފްސާނީ ގޮތުން ބޮޑެތި ތަކުލީފުތަކާ ކުރިމަތިލާންޖެހިފައިވާ މަންޒަރު ފެންނަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.


"ދުނިޔެއަށް ދިމާވެފައިވާ ބޮޑު ކާރިސާގެ ސަބަބުން މަސްވެރިންނަށް އެކަން އެންމެ ބޮޑަށް ތަހައްމަލް ކުރަންޖެހިފައިވާއިރު، އެބޭފުޅުން ނަގާފައި ހުރި ބޮޑެތި ލޯނުތަކަށް ލުއިތަކެއް ދީ، ބަހާލައިގެން ލޯނުތައް ދެއްކޭނެ ގޮތްތައް ހެދުމަކީ ވަރަށް މުހިއްމު ކަމެއް،" އިއްބެ ވިދާޅުވިއެވެ.


މަސްވެރިކަމަކީ ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ސިނާޢަތްކަން ފާހަގަކުރައްވައި މެންބަރު އިއްބެ ވިދާޅުވީ، މަސްވެރިންނަކީ އާއިލާއާ ދުރުގައި ވަރަށް ބުރަ މަސައްކަތްތަކެއް ކުރާ ބައެއް ކަމަށެވެ. ނަމަވެސް، ނިމިދިޔަ ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ އެތައް މިލިއަން ރުފިޔާއެއް ނުދީ ހިފެހެއްޓުމުގެ ސަބަބުން މަސްވެރިން ބިކަވެގެންދިޔަ ތަން ފެނިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.


މެންބަރު އިއްބެ އިތުރަށް ވިދާޅުވީ، ޤާނޫނަށް އިސްލާހު ގެނައުމަކީ ހަމައެކަނި އިދާރީ ގޮތުން ކުރާ ކަމަކަށް ވެގެންނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި، އަމަލީ ގޮތުން މަސްވެރިންނަށް އޭގެ ފައިދާ ކުރަންޖެހޭނެ ގޮތްތަކެއް ހޯދަ ދިނުން މިއަދު މުހިއްމު ކަމަކަށް ވެފައިވާ ކަމަށެވެ. މަސްވެރިކަމުގެ ޤާނޫނަށް ހުށަހެޅިފައިވާ މި އިސްލާހަކީ ރާއްޖޭގެ ކަނޑުގެ ވަސީލަތްތައް ހިމާޔަތްކޮށް، ހަރުދަނާ އިދާރީ ނިޒާމެއްގެ ދަށުން ޤާނޫނާ ޚިލާފަށް ހިންގާ މަސްވެރިކަން ހުއްޓުވުމަށް މަގުފަހިވާނެ ބިލެކެވެ. މި ބިލަށް މަޖިލީހުގެ ގިނަ މެންބަރުން ވަނީ ތާއީދުކުރައްވައި، ދުނިޔޭގެ ބާޒާރަށް އަންނަ ބަދަލުތަކާ އެއްގޮތަށް މަސްވެރިކަމުގެ ސިނާޢަތް ފުޅާކުރުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow